ENGLISH

20 ނޮވެމްބަރު 2025

Advertisement

ވަޒީރު ނަޞީރު ވިދާޅުވެދެއްވީ ރަނގަޅު ވެރިއެއްގެ ސިފަތައް

11 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދީނާއި ޤައުމަށް އިސްކަންދިނުމާއި، ޢަދުލުވެރިވުމާއި، ރަނގަޅު އަޚްލާޤް އަދި ރައްޔިތުންގެ ކަންކަމަށް އިސްކަންދެއްވުމަކީ ޤައުމެއް ކުރިއަށްގެންދިއުމުގައި ވެރިއެއްގެ ކިބައިގައި ހުންނާނެ ވިސްނުންތައްކަމަށް، ޢިލްމުވެރިންނާއި ޙަވާލާދެއްވައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ވެރިކަން ޒަމާނުއްސުރެ ހިނގަމުން އައިގޮތަށް ބޮޑު ބަދަލެއް ގެނެވުނު ދުވަހެއް ކަމަށެވެ. އެގޮތުން ވިރާސީ ވެރިކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވިއިރު، އެއިން ކޮންމެ ބަދަލެއްގެ މަޤްޞަދަކަށް ވެފައި އޮންނަނީ ރައްޔިތުންނަށް ލާބަ ހުރި ގޮތްތައް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވެރިއަކު އިންތިޚާބުކުރުމުގައި އަމާނާތްތެރިކަމާއެކު ވެރިކަން ހިންގައިދޭނެ ވެރިއަކު ޢައްޔަނުކުރުން މުހިއްމުކަމަށް ވިދާޅުވެ، ވަޒީރުގެ ވާހަކަދެއްކެވުން ޚާއްޞަކުރެއްވީ ޢިލްމުވެރިންގެ ދިރާސާތަކުގެ ހޯދުންތައް ހާމަކޮށްދެއްވުމަށެވެ. 

ވަޒީރު ވިދާޅުވީ އަލްއިމާމް ޣަޒާލީގެ ދިރާސާގައި ފާހަގަކުރައްވާފައިވަނީ ވެރިއެއްގެ ކިބައިގައި އެންމެ މުހިއްމު ދެ ޢިލްމަކީ ދީނުގެ ޢިލްމާއި ރައްޔިތުންގެ ޙާލަތުގެ ޢިލްމު ހުރުން ކަމަށެވެ. ގައުމެއް ނެތް ދައުލަތަކީ، ބިންގަލެއް ނެތް ގެއެއް ފަދަ އެއްޗެއް ކަމަށް، އިނގިރޭސި ފަލްސަފާވެރިޔާ އެޑްމަންޑް ބާކްއާ ޙަވާލާދެއްވައި ވަޒީރު ވިދާޅުވިއެވެ. 

ކްލައިޑް ރޭގެ ދިރާސާއާ ޙަވާލާދެއްވައި ވަޒީރު ވިދާޅުވީ، ރަނގަޅު ހަރުދަނާ ވެރިއަކީ އެވެރިއެއްގެ ސިޔާސީ ނިންމުންތަކުން ދިގުރާސްތާގައި ނިކުންނާނެ އަޚްލާގީ ނަތީޖާތައް ހިޔާލަށް ގެންނެވޭ މިންވަރު ނުވަތަ އަހުލާގީ ތޫނުފިލިކަން ލިބިފައިވާ މީހެއް ކަމަށެވެ. އަދި ސިޔާސީ މުޖުތަމައެއްގެ އަހުލާގީ މިސްރާބު ގޯހުންދިޔަނުދީ ރަނގަޅު މަގުގައި ސާބިތުކުރުމުގެ ކެރުންތެރިކަން ލިބިފައިހުރުމަކީ ވެރިންގެ ސިފަތައް ކަމުގައި ވަޒީރު ބަޔާންކުރެއްވިއެވެ. 

އިބްނު ޚަލްދޫންގެ އަލްމުގައްދިމާގައި ވިދާޅުވެފައިވަނީ ހިތް ނިޔަތް ހާލިސްވިޔަސް، ވެރިކަމުގެ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ނުހޯދައި ރައްޔިޔުންގެ ބޭނުންތަކަށް ނުބަލައި ވެރިކަންކުރާ މީހާގެ ވެރިކަން ފަސާދަވާނެ ކަމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ރަނގަޅު ވެރިޔަކީ އޭނާގެ އަމިއްލަ މަސްލަހަތު އެއްކިބާކޮށް އާއްމު މަސްލަހަތު އިސްކުރުމާއެކު، ރައްޔިތުން ބޭނުންވާ ގޮތްތައް ދެނެގަނެ އެގޮތަށް އަމަލުކުރާ މީހާއެވެ. އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި ހަގީގީ ލީޑާޝިޕް އުފަންވަނީ ތަވާޟުއުވެރިކަމާއި، ރައްޔިތުންނާމެދު އަދާކުރަންޖެހޭ އަހުލާގީ ޒިންމާއެއް އޮތްކަމަށް އިހުސާސްކުރެވޭ ކުރެވުމުގެ ތެރެއިންނެވެ." ޓެރީ ނެވެލްގެ ލިޔުމާ ޙަވާލާދެއްވައި ވަޒީރު ވިދާޅުވިއެވެ. 

އަލްއިމާމުލް މާވަރުދީގެ ލިޔުމަކާ ޙަވާލާދެއްްވައި ވަޒީރު ވިދާޅުވީ، ވެރިކަމުގެ ބިންގަލަކީ އަދުލުވެރިކަން ކަމަށާއި، ރައްޔިތުންނަށް ވެރިމީހާ އަނިޔާވެރިވުމުން ދައުލަތުގެ ނިޒާމު ފާސިދުވެ، ވެރިކަމާމެދު ރައްޔިތުންގެ އިތުބާރު ހީނަރުވާ ކަމަށެވެ.  

"މިޒަމާނުގައި ވެރިންގެ ގާބިލުކަން މިނެކިރާ އެއް މިންގަނޑަކީ އެވެރިންގެ އަތްމަތީގައި އަންނަން އޮތް ދުވަސްތަކާ ހަމައަށް ގައުމެއް ރަނގަޅަށް ވާސިލުކޮށްދޭނެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުވެގެން އައުމެވެ. ހާއްސަކޮށް އިންސާނުން ބިނާކޮށް ތަރައްގީކުރުމުގެ ދާއިރާއަށް ބަލާއިރު ދުނިޔެއަށް އަންނަ ބަދަލުތަކަށް ބަލައި، އެ ބަދަލުތައް އައުމުގެ ކުރިއަށް، އެ ބަދަލުތަކުން އެވެރިއެއްގެ ގައުމަށް ކުރާ ނޭދެވޭ އަސަރުތައް އެންމެ ކުޑަވާނެ ގޮތަށް ސިޔާސަތުތައް ހިންގާ ވެރިންނަކީ ކާމިޔާބު ވެރިން ކަމަށް އޭނާ ސިފަކުރެއްވިއެވެ" މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ނަސްބައުމްގެ ލިޔުމަކާ ޙަވާލާދެއްވައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު