ENGLISH

20 ނޮވެމްބަރު 2025

Advertisement

އާމްދަނީގެ ހިސާބުތައް؛ ޖުމްލަ އާމްދަނީ %15.1 މައްޗަށް، ބޭރު ފައިސާގެ އާމްދަނީއަށް %38.5 ގެ ކުރިއެރުމެއް

11 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޖުމްލަ އާމްދަނީ އަދި ބޭރު ފައިސާގެ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވެފައިވޭ

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 15.1 އިންސައްތައިން އިތުރުވެ، ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މީރާއިން އާއްމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ހިސާބުތަކަށް ބަލާއިރު އެ މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 27.3 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 23.7 ބިލިއަން ރުފިޔާގެ އާމްދަނީއެވެ. އެހެންކަމުން މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރާއަޅާބަލާއިރު 3.5 ބިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ. 

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 10.7 އިންސައްތަ އިތުރުވެ. އެގޮތުން ނިމުނު އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބުނީ 19.4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި 21.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. 

އޭގެ އިތުރަށް ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް މި އަހަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޓެކުސް ނޫން ގޮތްގޮތުން 5.6 ބިލިއަން ރުފިޔާ ލިބުނުއިރު ނިމުނު އަހަރު ޓެކްސް ނޫން ގޮތްގޮތުން އެ މުއްދަތުގައި ލިބުނީ 4.1 ބިލިއަން ރުފިޔާއެވެ. އެއީ 36 އިންސައްތަައިގެ ކުރިއެރުމެކެވެ. 

ދައުލަތަށް މި މުއްދަތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ލިބުނީ 1.2 ބިލިއަން ޑޮލަރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 871.3 މިލިއަން ޑޮލަރެވެ. އެހެންކަމުން ނިމުނު އަހަރު ލިބުނު ބޭރު ފައިސާގެ އާމްދަނީއަށްވުރެ އިތުރަށް މި އަހަރު 336 މިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ. 

ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި އަހަރު ޓެކުހުގެ ގޮތުގައި 925.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން ލިބުނީ 679.08 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު ޓެކުސްގެ ގޮތުގައި ނިމުނު އަހަރަށްވުރެ އިތުރަށް 246.5 މިލިއަން ޑޮލަރު ލިބުނެވެ. އެއީ 36.5 އިންސައްތައިގެ އިތުރު އަދަދެކެވެ. 

ދައުލަތަށް ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީވެސް ފާއިތުވި އަހަރަށްވުރެ މި އަހަރު އިތުރުވެފައިވެއެވެ. އެގޮތުން ޓެކުސް ނޫން ގޮތްގޮތުން ނިމުނު އަހަރު ލިބުީ 192.2 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 281.4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ނިމުނު އަހަރަށްވުރެ 89.2 މިލިއަން ޑޮލަރު އިތުރު އަދަދެެކެވެ. އެއާއެކު މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވަނީ 46 އިންސައްތަ އިތުރުވެފައެވެ. 

ދައުލަތަށް ލިބުނު އާމްދަނީ މި އަހަރު އިތުރުވީ ބައެއް ޓެކުސްތަކުގެ ރޭޓުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކުސް ނެގުމުގެ އުސޫލުތަކަށް ބަދަަލު ގެނައުމާއި ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ތައާރަފުކުރި އައު ސިޔާސަތުތަކެވެ. 

ކިޔުންތެރިންގެ ހިޔާލު