ENGLISH
20 ނޮވެމްބަރު 2025
ބޮޑުކުރި މުސާރައާމެދު ކަންބޮޑުވުމެއް އޮތްނަމަ ހައްލުވާނެ: ރައީސް
11 ނޮވެމްބަރު 2025
|
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދަައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
މި އަހަރު ސިވިލް ސާވިސްއާއި ޖުޑީޝަރީއާއި ލޯކަލް ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ދައުލަތުގެ ޕޭ ފްރޭމްވޯކުގައި ހިމަނައި، މުސާރައަށް ގެނައި ބަދަލުތަކާމެދު އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް ހައްލުކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން ރަައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ އިތުރަށް ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަތައް ޕޭ ފްރޭމްވޯކަށް ބަދަލުކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށާއި، މި ހިނގާ ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ބޮޑުކުރި މުސާރަ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ބޮޑުކުރި މުސާރައާމެދު އެއްވެސް މުވައްޒަފެއްގެ ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް އިދާރާއާ ހިއްސާކުރުމުން އެ އިދާރާއަކުން ޕޭ ކޮމިޝަނާއެކު މަސައްކަތްކޮށްގެން އެ ކަންބޮޑުވުމެއް ހައްލުކުރާނެ ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނުވަތ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފެއްގެ، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭކަމުގައިވާ ނަމަ އެކަމެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާ ބެހޭ ބޭފުޅުން ޕޭ ކޮމިޝަނާ އެކީ ކުރައްވާނެ،" ރައީސް ވިދާޅުވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދޭ ފައުޖުގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ މުސަރައަށް ސަރުކާރުން ގެނައި ބަދަލުގެ މަގުސަދަކީ ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކޮށްދީ މިހާރު މުވައްޒަފުންނަށް ލިބޭ އުޖޫރައަށްވުރެ ރަނގަޅު އުޖޫރައެއް ލިބޭކަން ކަށަވަރުކުރުން ކމަށެވެ.
އަދި ދައުލަތުގެ މުވައްޒފުންގެ ތެރެއިން މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަތައް އަންނަ އަހަރު ބޮޑުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ އިތުރަށް ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ ހިނގަމުންދާ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.