ENGLISH
14 ނޮވެމްބަރު 2025
މައްސަލަތައް އަވަސްކޮށް "ވާނުވާ ބަންދު" ނިމުމަކަށް ގެނެސްދޭން ޝަރުއީ ދާއިރާގެ ކިބައިން ރައީސް އެދިވަޑައިގެންފި
11 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް
ކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ތިބޭ މައްސަލަ ހައްލުކުރުމަށްޓަކައި އެމީހުންގެ ޝަރީއަތްތައް އަވަސްކޮށް އެ މައްސަލަތައް ހަލުއިކޮށް ކުރިއަށްގެންގޮސް ނިންމައިދޭން ޝަރުއީ ދާއިރާގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
މިއަދު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޖުޑީޝަރީގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ ގޮތުން ޖުޑީޝަރީގެ ބަޖެޓު މިހާރު ވަކިކުރެވި ސެކްޓޯރަލް ގްރާންޓަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެމްއެމްއޭގައި ވަކި އެކައުންޓެއް ގާއިމުކޮށް، ޖުޑީޝަރީގެ ބަޖެޓު ތަންފީޒުކުރުމުގެ ފުރިހަމަ ބާރާއި މިނިވަންކަން ޖުޑީޝަރީއަށް ދެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ޖުޑީޝަރީއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދުމުގައި އިތުރު ތަނެއްގެ ހުއްދައެއް ހޯދަންނުޖެހި އެކަންކަން އަމިއްލައަށް ކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.
އޭގެ އިތުރަށްވެސް ޖުޑީޝަރީއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން ވަރަށް އަވަހަަށް ސުޕީރިއާ ކޯޓު ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަަތް ސަރުކާރުން ކުރާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުން ގިނަ ދުވަހު ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވޭނީ ޖުޑީޝަރީއަށް ކަންކަަން ފަހިކޮށްދެއްވައިގެންކަން ގަބޫލުކުރައްވާކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް ވަކި އިމާރާތްތަކެއް މިހާރު ހަމަޖައްސައިދެވިފައިވާ ކަމަށެވެ.
އެއާއެކު ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބަންދުގައި ދިގު މުއްދަތަކަށް މީހުން ތިބެންޖެހޭ މައްސަލ ހައްލުކުރުމަށްޓަކައި އަވަހަށް ނިންމަންޖެހޭ މައްސަލަތައް ކޯޓުތަކުން ވީހާވެސް އަވަހަށް ނިންމައިދިނުން ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.