ENGLISH
14 ނޮވެމްބަރު 2025
ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު މޫސާ އަންވަރަށް
11 ނޮވެމްބަރު 2025
|
ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު މޫސާ އަންވަރަށް ރައީސް ޑރ.މުޢިއްޒު އަރުވަނީ، ފޮޓޯ: ރައީސް އޮފީސް
ޞިއްޙީ ދާއިރާއިން ހިދުމަތްކުރެއްވުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު، ދައުލަތުގެ ވަޒީފާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މޫސާ އަންވަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ސިއްހީ ދާއިރާއިން ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި މޫސާ އަންވަރު ސިއްހީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވީ އުމުރުފުޅުން 16 އަހަރުގައި އެއިރު އައްޑޫގައި ތިބި އިނގިރޭސިން އައްޑޫގައި ގާއިމުކޮށްފައި ހުރި ރޯޔަލް އެއާ ފޯސްގެ ރީޖަނަލް ސެންޓަރުގައެވެ.
އެހާ ޅަ އުމުރުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު މޫސާ އަންވަރަށް ލިބިވަޑައިގަތީ އޭނާއަކީ އިނގިރޭސިބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކަށްވާތީއެވެ.
1977 ވަނަ އަހަރު މާލެއަށް ދިރިއުޅުން ބަދަލުކުރައްވައި ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގެންނެވި މޫސާ އަންވަރު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެލައިޑް ހެލްތު ސާވިސަސްގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައެވެ. އެތަނުގައި މޫސާ އަންވަރުވަނީ ނަރުހުންނާއި ހެލްތު ވޯކަރުންނާއި ފާމަސިސްޓުން ތަމްރީނުކުރައްވާފައެވެ.
އޭގެ އިތުރަށް ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައިވެސް މޫސާ އަންވަރުވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
އޭގެ ފަހުން ހެލްތު މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތައް މޫސާ އަންވަރު އަދާކުރެއްވިއެވެ. އެ މިނިސްޓްރީގައި ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ސަރަހައްދީ ހޮސްޕިޓާތައް އެޅުމުގައި އަމަަލީ ގޮތުން ބައިވެރިވެވަޑައިގެންނެވުމާއެކު، އައިޖީއެމްއެޗް ގާއިމުކޮށް ހިދުމަތްތައް އެ ހޮސްޕިޓަލަށް ބަދަލުކުރެއްވުމުގައި ވަރަަށް ގިނަ މަސައްކަތްކުރައްވާފައެވެ.
އަދި މިނިސްޓްރީގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ކުރެވުނު މަސައްކަތްތަކުގައިވެސް މުހިއްމު ދައުރެއް އޭނާ އަދާކުރެއްވިއެވެ. ހިދުމަތުން ރިޓަޔާކުރެއްވީ 40 އަހަރު ދައުލަތަށް ހިދުމަތްކުރެއްވުމަށްފަހުއެވެ. އެންމެ ފަހުން ހުންނެވީ އެމްއެފްީޑއޭގައެވެ.