ENGLISH
14 ނޮވެމްބަރު 2025
ސަރުކާރުގެ އަމާޒު؛ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ތަންފީޒުކޮށް، ފެށިފައިވާ މަޝްރޫއުތައް 2 އަހަރު ތެރޭ ނިންމުން
11 ނޮވެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު އަމާޒަކީ ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމާއެކު، މިހާރު ފެށިފައި ހުރި ހުރިހާ މަޝްރޫއެއް ދެ އަހަރު ތެރޭގައި ނިންމުންކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި 2026 ވަނަ އަހަރަށް ލަަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒަަމީރު މިފަދައިން ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ނުހިމެނޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުވައިލައްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަަތުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަަތްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ބައްޓަންކުރުން ކަމަށެވެ.
ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ނިހިމެނޭ ސަބަބު އިތުރަށް ތަފުސީލުކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ރައީސުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ނުކުރައްވާ ކަމަށެވެ.
މި ސިޔާސަތުގެ ދަށުން، ވެރިރަށް މާލެ ސަރަހައްދުގައި ތިބެގެން ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުންނަ މައްސަލަތަކެއް ނޭނގޭނެ ކަމަށާއި، އެކަން ދެނެގަނެވޭނީ ސީދާ އެ ރަށަކަށް ގޮސް ހާލަތު އަންދާޒާކުރެވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން ކަމަށާއި، މިކަން އެންމެ ރަނގަޅަށް ކުރެވޭ މެކެނިޒަމް މިހާރު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.އަދި ކުރިން ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލުތައް ހިމެނި ނަމަަވެސް، އެ ތަފުސީލުތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުނުކުރެވޭ ކަމަށާއި، ބަޖެޓުގައި ޖަހާ އަދަދުތަކަކީ ގިނަ ފަހަރަށް އެ ބަޖެޓުގައި ހިމަނާ މަޝްރޫއުތައް ތަންފީޒުކުރުމަށް އެކަށީގެންވާ އަދަދުތަކެއްވެސް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެންބަރުންވަނީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންގޮސް ނިންމައިލެވޭނެކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތްތޯއާއި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ޖާގަ ބަޖެޓުގައި އެބައޮތްތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކޭޝްފްލޯ މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުން އެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި 8.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މި މަޝްރޫއުތަކަށް ވެސް ފައިނޭންސް ކުރެވޭނެކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއުތަކާ މެދު މި ސަރުކާރުން އަމަލުކުރީ ދެ ގޮތަކަށް ކަމަށެވެ. އެއީ، މިފަދަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމާއި، އަދި ބައެއް މަޝްރޫއުތައް އަލުން އިއުލާންކޮށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމެވެ. މިކަމުގެ މަގުސަދަކީ، ދިގުލައިގެން ގޮސް ހުއްޓިފައި ހުރި މަޝްރޫއުތައް އަވަސްކޮށް، ރައްޔިތުންނަށް އެ މަޝްރޫއުތަކުގެ ފައިދާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.