ENGLISH
04 ނޮވެމްބަރު 2025
އެމްޕީއެލްގެ ދެ މުވައްޒިފަކު ނިޔާވުން; ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
04 ނޮވެމްބަރު 2025
|
ކޮޅުވެއްޓި ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ނިޔާވި ދެ މީހުން --
މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފަ އެވެ. އަދި މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.
މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައި ވެ އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ފުރަތަމަ ނިޔާވީ ބިދޭސީމީހާ އެވެ. ދިވެހި ޒުވާނާ ނިޔާވީ އެ ރޭގެ ފަތިހު އެވެ. އެެ ހާދިސާގައި އިތުރު ހަތަރު މީހަކަށްވެސް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހަކު ތިއްބެވެ.