ENGLISH

07 ނޮވެމްބަރު 2025

Advertisement

އިންސާނީ ޙައްޤުތަކާ ބެހޭ މަޝްވަރާ ޖެނީވާގައި ފަށައިފި، ރާއްޖޭގެ ރިވިއު ހުށަހަޅާނެ

04 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޔޫޕީއާރު ސެޝަން ޖެނީވާގައި ކުރިއަށްދަނީ. ރާއްޖޭގެ ހުށަހެޅުން މާދަމާ އޮންނާނެ

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ ވަރކިން ގްރޫޕުގެ 50 ވަނަ ސެޝަން ޖެނީވާގައި ނޮވެމްބަރު 3 ވަނަ ދުވަހު ފެށިއިރު، ރާއްޖޭން އެ ސެޝަންގައި ބައިވެރިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޔޫޕީއާރުގެ ވަރކިން ގްރޫޕް ސެޝަން ކުރިއަށްދާނީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ސެޝަންގައި އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫޕީއާރު ވަރކިން ގްރޫޕުން ދިވެހިރާއްޖެ ހިމެނޭގޮތަށް، 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑްތައް ބަލާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. 

ސެޝަންގައި ރާއްޖޭގެ ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. 

ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، މި ސެޝަންގައި ހިމެނޭ އެހެނިހެން ޤައުމުތަކަށް ބިނާކުރަނިވި ރިކޮމެންޑޭޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. 

ޔޫޕީއާރު ވަރކިން ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވައެވެ. ޔޫޕީއާރުގެ ހަތަރު ވަނަ ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުއެވެ.

ޔޫޕީއާރަކީ އދ.ގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ ޕްރޮސެސްއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކަށްވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޔޫޕީއާރުގެ 50 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މިވަފުދުގައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ގެ ކައުންސެލަރ އަލްފާޟިލް އާދަމް ހާމިދު އާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާހީން އާއި އެޓާޗޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ. 

އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ޔޫޕީއާރުގެ މި ސެޝަންގެ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު