ENGLISH

04 ނޮވެމްބަރު 2025

Advertisement

އުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

04 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހ. މީރުބަހުރުގޭއާގެ ސާމިޔާ ލަތީފް

އިސްލާމީ ޢަރަބި ތަޢުލީމަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަލްފާޟިލާ ސާމިޔާ ލަޠީފު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުސްތާޛު ރަޝީދުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ އެ ތަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ދީނީ ޢިލްމު ފެތުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި އަގުހުރި ޚިދުމަތްތެރިއެކެވެ. 

އެގޮތުން އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ ދިވެހި ބަހުން ގިނަ އަދަދެއްގެ ދީނީ ފޮތްތައް ލިޔުއްވައި ޝާއިއުކުރެއްވި ލިޔުންތެރިޔެކެވެ. އަދި ޓީވީ ރޭޑިޔޯގެ ޒަރީއާއިން ދީނީ މައުލޫމާތު ފޯރުކޮށްދޭ ގިނަ އަދަދެއްގެ ޕްރޮގުރާމުތައް ތައްޔާރުކޮށްދެއްވަައި އާއްމުންނާ ހަމައަށް ގެނެސްދެއްވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި މިސްރުން ޤާރީންނާއި ވާއިޒުން ގެންނަވައިގެން ކުރިއަށްގެންދެވި ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމުގެ ޕްރޮގުރާމުތަކުގައި ބޭރުން ވަޑައިގަންނަވާ ވާޢިޒުންގެ ވައުޒުތައް ދިވެހިބަހަށް ވަގުތުން ތަރުޖަމާކޮށްދެއްވުމުގެ މަސައްކަތް ގިނަ ދުވަސްތަކެއްގައި ކުރެއްވިއެވެ. 

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ދީނީ ޝޯތަކުގެ ތެރޭގައި ހިމެނޭ މުހައްމަދުއް ރަސޫލުﷲ ޓީވީ ސިލްސިލާ އަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެއްވީވެސް ރަޝީދެވެ. 

މަޢުހަދު އުފެދުނީއްސުރެ އިސްލާމިކް ޔުނިވަސިޓީއަށް އެތަން ބަދަލުވުމާ ހަމަައަށްވެސް އެތަނުގައި އަގުހުރި ގިނަ ހިދުމަތްތަކެއް ކުރައްވައި އެތަނުން އުފެދުނު އިލްމީ ގިނަ ބަޔަކު ތަރުބިއްޔަތުކުރެއްވުމުގައި ރަޝީދު އަދާކުރެއްވި ދައުރަކީ ގައުމީ ހިދުމަތުގައި ފާހަގަކުރެވޭ ނަމޫނާއެކެވެ. 

ރަޝީދުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތައުލީމަށާއި ލިޔުންތެރިކަމާއި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނށް ހޭލުންތެރިކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައމީ އިނާމު ހާސިލުކުރެއްވި އިލްމުވެރޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަތީފު އަވަހާރަވުމުގެ ހިތާމައިގަ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. 

އަދި މަރުޙޫމާ ސާމިޔާ ލަތީފު މާތްﷲގެ ތަނަވަސް ރަހުމަތްފުޅުގައި ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް އެކަމަނާއަށް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވިއެވެ. 

ސާމިޔާއަކީ ދިވެހި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައެވެ. އެމަރުކަޒުގެ މަތީ ފަންތީގެ މަގާމުތައް އެކަމަނާ އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު