ENGLISH
04 ނޮވެމްބަރު 2025
މީދޫއާއި ހުޅުދޫ ރައްޔިތުންގެ ނިންމުން ތަންފީޒުކުރެއްވުން؛ ދެ ރަށުގެ ކައުންސިލުތައް އުފައްދަވައިފި
04 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އައްޑޫ އަތޮޅު މީދޫއާއި ހުޅުދޫ ރައްޔިތުން ނިންމި ގޮތުގެ މަތިން އެ ދެ ރަށުގެ ވަކި ކައުންސިލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އައްޑޫ ސިޓީން ވަކިވެ އެ ދެ ރަށުގައި ރަށު ކައުންސިލުތަކެއް ގާއިމުކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި މީދޫއާއި ހުޅުދޫގެ ގިނަ ރައްޔިތުން ނިންމާފައިވަނީ ސިޓީން ވަކިވެ އެ ދެ ރަށުގައި ރަށު ކައުންސިލުތައް ގާއިމުކުރުމަށެވެ.
އެ ނިންމުމާ ގުޅިގެން ރައީސްވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ "އައްޑޫ"އަކީ އައްޑޫ ސިޓީ ކަމުގައި ނިންމަވާފައެވެ. އަދި އެމަނިކުފާނު ނިންމެވީ އައްޑޫ ސިޓީގައި ހިމެނޭނީ އައްޑު އަތޮޅު ހިތަދޫއާއި، މަރަދޫއާއި މަރަދޫފޭދޫއާއި ފޭދޫ ކަމށެވެ.
ކުރިން އައްޑޫގެ އިހުތިސާސުގެ ތެރޭގައި ހިމެނުނު މީދޫއާއި ހުޅުދޫ އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރައްވައި މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވަައި، އެ ދެ ރަށުގައި ވަކި ކައުންސިލުތައް އުފެއްދެވުމަށް ނިންމަވާފައިވެއެވެ.
އެގޮތުން އައްޑޫ މީދޫ ހިންގުމަށް ސ.އައްޑޫ މީދޫ ކައުންސިލު އދި އައްޑޫ ހުޅުދޫ ހިންގުމަށް އައްޑު އަތޮޅު ހުޅުދޫ ކައުންސިލު އުފެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވެއެވެ.
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.