ENGLISH
04 ނޮވެމްބަރު 2025
ދެން އޮތީ "އިލްޒާމް" ގެ ވަދާޢީ ޝޯ، މި ތަރީންގެ އެންމެ މޮޅު އެކްޓިން ފެނުނީ މި ފިލްމުން
03 ނޮވެމްބަރު 2025
|
އޮލިމްޕަހުގައި މިހާރު ދައްކަމުންދާ "އިލްޒާމް" އަކީ ކުޅަދާނަ ޕްރޮޑިއުސަރު އަދި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ޑްރީމް ޕްރޮޖެކްޓެކެވެ. ފަނަރަ އަހަރުގެ އުންމީދަށް ފަހު ސިނަމާއަށް މި ފިލްމު ގެނައީ ވަަރަށް ފުރިހަމަކޮށެވެ.
ހައުސްފުލް ގިނަ ޝޯތަކެއް ދައްކާފައިވާ "އިލްޒާމް" ގެ ވަދާޢީ ޝޯތައް މިހާރު ދަނީ ދައްކަމުންނެވެ. މާދަމާ ރެއަކީ މި ފިލްމު އޮލިމްޕަހުގައި ދައްކާނެ ފަހު ރެ އެވެ. ފަހު ޝޯގެ ޓިކެޓް މިހާރު ދަނީ ވިކެމުންނެވެ. ފިލްމު ނުބަލާނަމަ އަވަހަށް ޓިކެޓް ނަގާށެވެ. މިއީ އޮލިމްޕަހުން ފިލްމު ބަލާލަން ލިބޭނެ ފަހު ފުރުސަތެވެ.
މިހާތަނަށް ފިލްމު ބެލި ގިނަ މީހުންގެ ނަޒަރުގައި މިއީ އަހަރުގެ އެންމެ ރީތި ފިލްމެވެ. ބައެއް މީހުން ދެކޭ ގޮތުގައި މި ފަހުން އޮލިމްޕަހުން ބަލާލަން ލިބުނު އެންމެ ރީތި ފިލްމެވެ.
ފިލްމު މޮޅުވުމުގައި ސްކްރީންޕްލޭގެ ރީތި ކަމާއި ޔޫއްޕެގެ މޮޅު ޑައިރެކްޝަން ފާހަގަކުރަން ޖެހެ އެވެ. އެކްޓަރުންގެ ހުނަރުވެރިކަމާއި މަންޒަރުތަކުގެ ރީތި ކަމާއި ފިލްމު ގެނެސްދީފައިވާ ގޮތް މުހިންމު ދައުރެއް އަދާކުރެ އެވެ.
ޚާއްސަކޮށް މި ފިލްމުގައި ވަރަށް މުހިންމު ރޯލްތަކުން ފެނުނު ޝިފާ އާއި އާމިރާ އަދި ލައިގެ އެކްޓިން ފާހަގަކޮށްލަން ޖެހެ އެވެ.
މި ފިލްމުގައި އެންމެ މުހިންމު އެއް ރޯލަކީ ޝިފާގެ ރޯލެވެ. ދުނިޔެއަށް އައީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގަ އެވެ. އެހެން ކަމުން މުޖްތަމައުން އޭނާ ބާކީކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯސް މަގުން ހިނގެ އެވެ. އެކަމަކު ރަނގަޅުވާން ރަނުގެ ފުރުސަތެއް ލިބެ އެވެ. ނަމަވެސް ބޭނުމެއް ނުކުރެވެ އެވެ.
    
  ނުބައި ވަސްވާހެއްގައި ޖެހި ހެއްލެވުނީ އެވެ. އޭނާގެ ހަގީގަތް ފަޅާ އަރަނީ އެންމެ ފަހު ވަގުތު އެވެ. އެއާއެކު އޭނާއަށް އަޅާލާނެ ކަމަށް ބެލެވުނު މީހާގެ އަނިޔާއާ ކުރިމަތިވެ އެވެ. އެނބުރި ފިރިމީހާގެ ގާތަށް ދިޔައިރު ހުރިހާ ހަގީގަތެއް ނިއުޅުވި ބޭޒާރުވެއްޖެ އެވެ. އެހެންވީމަ އިތުރު ފުރުސަތެއް ނުލިބުނެވެ.
ދެން އަންނަނީ ހިތަށްވެސް އަރާފައިނުވާފަދަ ކަންތައްގަނޑެކެވެ. އެންމެ ފަހުން ދުނިޔެއާ ވަކިވެ ދަނީ އަނިޔާވެރި މަރަކުންނެވެ.
މިއީ ފިލްމުގައި ޝިފާގެ ރޯލެވެ. މި ރޯލް އޭނާ ކުޅެފައިވަނީ ވަރަށް މޮޅަށެވެ. "އެމްއެމް"އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނި ގޮތުގައި ޝިފާގެ އެކްޓިންއާމެދު ވަރަށް ހިތްހަމަ ޖެހެ އެވެ.
"ޝިފާގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު މޮޅު އެކްޓިންއެއް. ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ޔޫއްޕެ ބުންޏެވެ.
ފިލްމީ ގިނަ މަސައްކަތްތަކަކުން ފެނިފައިވާ އާމިރާ އިސްމާއީލް (އާމިރާ) މި ފިލްމުގައި އަދާކުރަނީ ވެސް ފިލްމަށް ވަރަށް މުހިންމު ރޯލެކެވެ. އެ ރޯލްގެ ސަބަބުން ފިލްމަށް ފުރިހަމަކަން ގެނެސްދޭ ރޯލެކެވެ.
އެއީ ލޯބިވެރިޔާ ބީވެ އޭނާގެ ކޮއްކޮއާ ކައިވެނިކުރަން މަޖުބޫރުވި އަންހެނެކެވެ. ލޯބިވެރިޔާ ބީވީ ދޮގު ތުހުމަތުތަކެއްގަ އެވެ. އެކަމަކު އެންމެ ފަހު ވަގުތާއި ހަމައަށް އެކަން އޮންނަނީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. މަޖުބޫރު ކައިވެނީގެ ފަހަތުގައި ވެސް ވަނީ މަކަރާއި އޮޅުވާލުމެވެ. އެ ކައިވެނީން އޭނާއަށް ލިބުނީ އަނިޔާއާ ވޭނެވެ.
    
  އާމިރާގެ ފަރާތުން ފެނުނީވެސް އާދަޔާ ހިލާފު މޮޅު އެކްޓިން އެކޭ ބުނަން ޖެހެ އެވެ. މަންޒަރުތަކުގައި އޭނާގެ އެކްޓިން އަސްލާ ވަރަށް އެއްގޮތަށް ގެނެސްދީފައިވެ އެވެ. ހިތްދަތިކަމާއި ވޭނާއި އަނިޔާއިން ފުރިފައިވާ އެ ދިރިއުޅުމުގެ ކަންކަން ގެނެސްދީފައިވަނީ ބެލުންތެރީންްނަށް ފުން އަސަރުތަކެއް ކުރުވާނެ ގޮތަކަށެވެ.
އާމިރާގެ މޮޅު އެކްޓިން ޔޫއްޕެ ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޔޫއްޕެއާއެކު ބައެއް އެހެން ފިލްމުތަކުން ވެސް ފެނިފައިވާ އާމިރާގެ އެކްޓިންއަށް ޔޫއްޕެ ދެނީ 100 އަކުން 100 އެކެވެ.
މިއީ ލައިގެ ފުރަތަމަ ފީޗާ ފިލްމެވެ. އެކަމަކު ފިލްމު ބަލާ މީހަކަށް އެކަން އިހްސާސެއް ނުވާނެ އެވެ. އެތައް ދުވަހެއް ވަންދެން މި އިންޑަސްޓްރީގައި ހަރަކާތްތެރިވެފައިވާ އެކްޓްރެސް އަކާއި ތަފާތެއް ނެތެވެ.
ފިލްމުގައި ލައި އަދާކުރަނީ ވަރަށް މުހިންމު ރޯލެކެވެ. އެއީ މާލޭގައި ކިޔަވަން ހުންނަ ކުއްޖެކެވެ. ޗުއްޓީއެއްގައި ރަށަށް އާދެ އެވެ. އޭނާ އަކީ ކަންކަމުގެ ހަގީގަތް ހޯދަން ބޭނުންވާ މީހެކެވެ. ގޯސްތަކާއި / ނުބައި ކަންކަމާއި ދެކޮޅަށް ތެދުވާން ކެރޭ ހިތްވަރު ގަދަ އަންހެނެކެވެ.
    
  ކަންކަން ހޯދާ ބަލާ ހަގީގަތަކަށް ވާސިލުވެ އެވެ. އަދި އޭނާ ބޭނުންވާ މަގްސަދު ހާސިލުކުރެ އެވެ. ފިލްމުގައި ހުރިހާ ހަގީގަތްތަކެއް އެނގޭ އެއް ކެރެކްޓާއަކީ އެއީ އެވެ.
މިހާ ބޮޑު ރޯލެއް މި ފިލްމުން އޭނާއަށް ޔޫއްޕެ ދިނީ ވަރަށް ބޮޑު އިތުބާރެއް އޮތީމަ އެވެ. ހަގީގަތުގައި އެއީ ޔޫއްޕެ ނެގި ވަރަށް ބޮޑު ރިސްކެކެވެ. ނަމަވެސް ޔޫއްޕެއަށް ލައިއަށް ފުރިހަމަ އިތުބާރު އޮތީ އެވެ. އެހެން ނޫންނަމަ ޔޫއްޕެގެ މި މުހިންމު ފިލްމުން މިހާ މުހިންމު / ބޮޑު ރޯލެއް ނުދޭނެ އެވެ.
ލައިގެ މޮޅު އެެކްޓިން ފާހަގަކޮށް ޔޫއްޕެ ބުނީ ލައި އަކީ ދިވެހި ސިނަމާ ބަދަލުކޮށްލާނެ ފަދަ ހުނަރުވެރި އެކްޓްރެސްއެއް ކަމަށެވެ. "އިލްޒާމް" އާ އެކު ޑައިރެކްޓަރުންގެ ލޮލުގައި ލައި އަޅައިގަންނަ މިންވަރު ބޮޑުވާނެ އެވެ.