ENGLISH

04 ނޮވެމްބަރު 2025

Advertisement

ނަސްރުގެ ދުވަސް؛ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތްތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތްތައް ރައީސްގެ ދެކަނބަލުން ބައްލަވާލެެއްވުން --

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފި އެވެ.

މިއަދު ހަވީރު އޮތް، މި ހަރަކާތް ހުށަހެޅުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިޤްބާލު ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވާހަކަފުޅު ދެއްކެވި އެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ ޚާއްޞަ އަސްކަރީ ހުށަހެޅުންތަކުގައި، ފެނިގެން ދިޔައީ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގެ ޙަރަކާތްތަކެވެ. މި ހަރަކާތުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ޙަރަކާތްތަކެއް ފެނިގެންދިޔަ އެވެ.

މި ހުށަހެޅުމަށްފަހު، ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ދައްކާފައިވެ އެވެ.

ސިފައިންގެ ޢަސްކަރީ ހުށަހެޅުމުގެ މި ޙަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި، ދިފާޢީ ވަޒީރާއި ދިވެހި ޢަސްކަރިއްޔާގެ އިސް އޮފިސަރުން މި ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު