ENGLISH
03 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމުން ނުވަ މީހަކު ހައްޔަރުކޮށްފި
03 ނޮވެމްބަރު 2025
|
ފުލުހުން ހައްޔަރުކުރި 9 މީހުންގެ ތެރޭގައި ހިމެނޭ 5 މީހުން. ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. ރަސްގެތީމުގެ ގެއަށް ބަލައި ފާސްކޮށް 9 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އެގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ. އޮޕަރޭޝަން ފުލުހުން ހިންގީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.
ރަސްގެތީމުން ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް
ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ވަނީ ފެނިފައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ނިހާން އާއި ޢާދިލްގެ އިތުރުން ނަސީމް އަދި ރިޝާމް ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ. ހައްޔަރުގައި ދެން ތިބި، އަމީނާ، އައްޔޫބް، ފަރީޙާ، ވިޝާމް އަދި ސަރްޙާން ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީގު ކުރަމުންނެވެ.