ENGLISH
03 ނޮވެމްބަރު 2025
އެންމެ ފަހު ލޭތިކި އޮހޮރާލައިގެން ވެސް، ސިފައިން މި ގައުމު ހިމާޔަތް ކުރާނެ: ޣައްސާން
03 ނޮވެމްބަރު 2025
|
މި ގައުމު ދެމިއޮތްހާ ހިނދަކު، ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން އެންމެ ފަހު ލޭތިކި އޮހޮރާލައިގެން ވެސް، ފުރާނަ ގުރުބާންކޮށްގެން ނަމަވެސް، ގައުމުގެ މިނިވަންކަން ހިމާޔަތްކުރާނެކަމުގެ ޔަގީންކަން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ޣައްސާން ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމުގެ މައިގަނޑު އެއް ސަބަބަކީ، ލިބެމުންދިޔަ ފަނޑު މައުލޫމާތުގެ އަލީގައި ވެސް ވެރިން ކުރައްވަމުން ގެންދެވި އަމުރުފުޅުތަކަށް ސުވާލުކުރުމެއް ވެސް ނެތި، ސިފައިން ކުރަމުން ގެންދިޔަ މަތިވެރި ޖިހާދު ކަމަށެވެ. ޣައްސާންގެ ވާހަކައިގައި ވަނީ ނޮވެމްބަރު 3 ގެ ޖިހާދުގައި ޝާމިލްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭގެ ތެރޭން އެންމެ ޚާއްސަ ޝުކުރެއް އަދާކުރެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ.
"މިއަދު އެންމެ ހޫނު މަރުހަބާއަކާއި ޝުކުރެއް ހައްގު ވަނީ މީގެ 37 އަހަރު ކުރިން މި ގައުމުގެ ހާލުގެ ދުލުން، ވަތަންގެ ދިފާއަށް ސަމާލުވުމަށް ގޮވާލި ގޮވާލުމަށް 15 ވަރަކަށް އަހަރު އަޅާނުލެވި އޮތް އޮތުން 17 ނޮވެމްބަރު 2023 ގައި ނިމުމަކަށް ގެންނަވައި އެ ގޮވާލުމަށް އިޖާބަ ދެއްވައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލްގެ ހިމާޔަތުގައި ނުހަނު ފަލަ ރަތް ރޮނގެއް ދަންމަވައި ވަށާއި ޖެހޭ ދުރު ވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވައި އެ ފަލަ ރަތް ރޮނގު ހިމާޔަތް ކުރެވޭ ފަދަ ޒާމާނީ އަސްކަރިއްޔާ އަކަށް އަޅުގަނޑުމެންގެ ދިފާއީ ބާރު ބަދަލު ކުރައްވަން ފައްޓަވައި ރެއާއި ދުވާލު ކެނޑި ނޭޅި އެ މަސައްކަތުގައި ޝާމިލްވެ އުޅުއްވާ އަދި ހޯއްދަވަމުން ގެންދަވާ ގިނަ ގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް،" ޣައްސާން ވިދާޅުވި އެވެ.
ދިފާއީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިދިޔަ ދެ އަހަރު ތެރޭ އަސްކަރީ ގޮތުން ހާސިލް ކުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް އިޢުލާން ކުރެއްވި ގައުމަށް ވަފާތެރި ވާޖިބަށް އިޚްލާސްތެރި ޖީލަކަށް ފަހު ޖީލެއް ބިނާކުރުމުގެ މަސައްކަތް ފާހަގަކުރެއްވި އެވެ. ދިވެހި ނޭޝަނަލް ސާވިސްގެ ޚިދުމަތުގެ ދަރިވަރުން މިއަދުގެ ޖަލްސާގައި ތިބިކަން ޣައްސާން ފާހަގަ ކުރެއްވި އެވެ.
ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދެއްވާނެކަން ރައީސް އިއުލާން ކުރެއްވީ ވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ކަމަށާއި އެކަން މި އަހަރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އެމްއެންޑީއެފްގެ މެރީން ކޯރގެ މަސައްކަތް މި އަހަރު ކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިި އަހަރުގެ ރިޔާސީ ބަޔާންގައި ކަމަށާއި ދިވެހި އަސްކަރިއްޔާގެ މެރީންކޯގެ ހަރަކާތްތައް މިއަދު ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަޅުގަނޑުމެންގެ ބިޔަ ބޮޑު މާ ސިންގާ ކަނޑު ރައްކާތެރިކުރުމަށް ކޯސްޓް ގާޑް ޑަބަލް ކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އެޕްރީލް 15 ގައި ކަމަށާއި ތުރުކީ ވިލާތުން ހަދިޔާކުރި މަނަވަރު މިއަދު ދައްކާލާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.