ENGLISH
03 ނޮވެމްބަރު 2025
ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު، ޤައުމާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން: ފަސްޓް ލޭޑީ
03 ނޮވެމްބަރު 2025
|
ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ނޮވެމްބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު ކަމަށާއި ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެ ކަމަށެވެ. އަދި ޤައުމީ ކޮންމެ ކަމެއްގައިމެ އެއީ އީމާންތެރި އެއްބައިވަންތަ ބައެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ މި ޕޯސްޓު ނިންމަވާލެއްވީ ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވައި އަދި ނަޞްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ޚާއިނުންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ. އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހެކެވެ.