ENGLISH
03 ނޮވެމްބަރު 2025
ގައުމަށްޓަކައި ގުރުބާންވުމަކީ ޔުނިފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫން: ރައީސް
03 ނޮވެމްބަރު 2025
|
ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް
ގައުމަށްޓަކައި ގުރުބާންވުމަކީ ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގައި މިނިވަންކަން ގެއްލުވާލުމަށާއި ގައުމުތައް އަޅުވތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކަމަށާއި ނަމަވެސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަން ނިގުޅައިގަތުމުގައި ހަރަކާތްތެރިވަނީ އޭރު އެކަން ކުރި ގޮތަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މިއަދުގެ މި ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ގެއްލުވާލުމަށް ގައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން. އޭރުގައި އެކަންކުރާ ގޮތަކަށް ނޫން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަން ނިގުޅައިގަތުމުގައި ހަރަކާތްތެރިވަނީ. މިއަދުގެ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ޣާފިލްވެ ތިއްބާ. އަޅުގަނޑުމެންގެ ދިވެހިވަންތަކަން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނަށް އެކަނި ތަބާވެގެން ތިބި ބައެއްކަން، އަޅުގަނޑުމެންގެ އަތުގައި އޮތީ އެހެން އެއްވެސް ގައުމެއްގައި ނެތް ފަދަ ޚާއްސަ ސިފަތަކެއްކަން. އެއް ބަހަކުން ވާހަކަ ދައްކާ ބައެއްކަން އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަން،" ރައީސްގެ ތަގްރީރުގައި ވިދާޅުވި އެވެ.
މި އެއްބައެއްވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިގފައިގެން އައިސް ކުރާނެ ކަމެއް ނޫންކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ނުވިސްނާ ތިބެއްޖެ ނަމަ އަޅުގަނޑުމެންގެ މި އިގްތުސާދު ބޮޑު އަނދަވަޅަކަށް ވައްޓާލައި، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް މިނިވަންކަން ހުރިހާ ނަޒަރިއްޔާއަކުން ވެސް ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ކާބަފައިންގެ ޤުރުބާނީގެ ވާހަކަ ޒުވާނުންނަށް އެނގެންޖެހޭކަމަށާ، އެ މަޤްޞަދުގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ތަންފީޒުކުރައްވަން ފައްޓަވައި، އެކަން ކާމިޔާބީއަށް ވާސިލުވަމުންދަނީ ދިވެހިރައްޔިތުން އެކަންކަން ބަލައިގަނެ، ފުރިހަމައަށް އެއްބާރުލުން ދެއްވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލި ފުރުޞަތަށް އިތުބާރުކުރައްވައި، ދެއްވި ތަރުޙީބު ފާހަގަކުރައްވަމުން، މިއަދުގެ ރަސްމިއްޔާތުގައި ޤައުމީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަޚުރެއް އަދި ޒިންމާއެއް ކަމުގައި ދެކެވަޑައިގަތުމަށް އިލްތިމާސް ކުރައްވަމުންނެވެ.