ENGLISH
03 ފެބްރުއަރީ 2026
އައްޑޫ ސިޓީ ފޭދޫގައި "ހަށިިހެޔޮ ރާއްޖެ" ޕްރޮގްރާމް ފަށައިގެން ކުރިއަށް
03 ނޮވެމްބަރު 2025
|
"ހަށިހެޔޮ ރާއްޖެ" ފޭދޫގައި ކުރިއަށްދާ މޫދު ކަސްރަތު ޕްރޮގްރާމްގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ މޫދު ކަސްރަތު ހަރަކާތްތައް އައްޑޫ ސިޓީ ފޭދޫގައި ފަށައިފިއެެވެ.
ނޮވެމްބަރު 1 އިން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް އެރަށުގައި ފައްޓަވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
މި ހަރަކާތަކީ އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްދާ ހަރަކާތެކެވެ. މި ހަރާކާތުގައި 66 ފަރާތަކުން ބައިވެރިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ޕްރޮގްރާމްގެ ތެރެއިން، ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް ބާރުއަޅާ، މޫދު ކަސްރަތު ކުރިއަށްދާއިރު ބައިވެރިންގެ މެދުގައި މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭ ތަމްރީނުތައް ކުރިއަށްދާނެއެވެ.
މި އަހަރުގެ ޖޫން މަހުގެ 25 އިން ޖުލައި 24 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން މޫދު ކަސްތަރު ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ. ހަމަ މި ދުވަސްތަކުގައި ފ. ނިލަންދޫގައި ވެސް ވަނީ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ނިލަންދޫގައި މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފ. އަތޮޅު ހޮސްޕިޓަލާއި، އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.
ކުޅިވަރު ވުޒާރާގެ އިސްނެގުމާއެކު، މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށުގެ ޕޮލިސް ސްޓޭޝަނާ ގުޅިގެން މިދިޔަ ޖޫން މަހުގެ 15 އިން 30 ގެ ނިޔަލަށް "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ހަރަކާތްތައް ހިންގާފައިވެއެވެ.
"ހަށިހެޔޮ ރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. އެކަމަކު، މި އަހަރުގެ ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އަމާޒުކޮށް އާންމުންގެ މެދުގައި ހެލިފެލިވެ އުޅުން އާދައަކަށް ހެދުމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އާއްމުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމުގެ މަޤްޞަދުގައި ރާއްޖޭގެ ކޮންމެ ރަށަކަށް އަމާޒުކޮށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެމްއެންއައިއެސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.