ENGLISH
03 ނޮވެމްބަރު 2025
ގައުމާ އެއްކޮޅަށް ވިސްނަން އަޒުމް ކަނޑައަޅައިފި ނަމަ މި ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް
03 ނޮވެމްބަރު 2025
|
އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމް ކަނޑައަޅައިފި ނަމަ ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމީހެއްގެ ހިތުގެ އަޑިން ގައުމާ އެެއްކޮޅަށް މަސައްކަތް ކުރަން އަޒުމް ކަނޑައަޅައިފި ނަމަ އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް އޮންނާނީ އަބަދުވެސް ހިމާޔަތް ކުރެވިފައި ކަމަށެވެ.
"ކޮންމެ މީހަކަށް ތަމްރީނު ދީގެން ހަތިޔާރެއް ނުދެވޭނެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ މާތް ﷲ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބެނުންކުރަން އަޒުމް ކަނޑައަޅާ އެ މީހާގެ ހިތުގެ އަޑިން ގައުމާ އެއްކޮޅަށް މަސައްކަތް ކުރަން އަޒުމް ކަނޑައަޅައިފި ނަމަ މި ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް އޭރުން އަބަދުވެސް އޮންނާނީ ހިމާޔަތް ކުރެވިފައި. އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ،" މީގެ މީގެ 37 އަހަރު ކުރިން ދިވެހި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި ދިން އުދުވާނީ ހަމަލާއިން ސަލާމަތްވެ ނަސްރު ލިބުނު ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާ އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އޭރުވެސް ދިވެހިންގެެ މިނިވަންކަން ނަގާނީ ދިވެހިންގެ ބަޔަކު ބޭރުގެ ކޮންމެވެސް ބަޔަކާ ގުޅިގެން ކަމަށާއި، ބަވަނަވެފައިވާ މި ދުނިޔޭގައި މިހާރު ވެސް އެކަންކުރާނީ ހަމަ އެގޮތަށް ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ ވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކޮށް، އަމިއްލަ މަސްލަހަތާއި އަމިއްލަ ބޭނުންތަކަށްވުރެ ގައުމު އިސްކުރާ ނަމަ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ތިމަންނަގެ ފަރާތުން ގައުމަށް އަދި ކަމެއް ނުކޮށްދެވި އޮތް ނަމަވެސް ކަންބޮޑު ނުވެ ގައުމާ އެއްކޮޅަށް ކުރިއަށްދާން ކޮންމެ ދިވެހި ރައްޔިތަކު ވެސް، ކޮންމެ ޒުވާނަކު ވެސް ނިންމައިގެން ކުރިއަށްދާ ނަމަ މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު އޮންނާނީ ވަރަށް ވަރުގަދައަށް ހިމާޔަތް ކުރެވިފައިކަން ރައީސްގެ ތަގްރީރުގައި ފާހަގަކުރެއްވި އެވެ.
ގައުމެއް ގައުމަކަށް ވަނީ އެ ގައުމެެއްގެ އަފްރާދުން ވިސްނާ ގޮތެއްގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެގައުމެއްގައި ތިބި އަފްރާދުންގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަމުން ނުދާ ނަމަ އެ ގެނެވޭ އަތްލެވޭ ތަރައްގީގެ ބޭނުމެއް ނެތް ކަމަށެވެ. ކޮންމެ އަފުރާދަކު ގައުމާ އެއްކޮޅަށް ވިސްނާ އަދި މީސްމީޑިއާގެ ބޭނުންކޮށްގެން ގައުމާ އެއްކޮޅަށް ވިސްނައިފި ނަމަ އެކަހަލަ ހުރިހާ ކަމެއް ނައްތާލެވޭނެ ކަމަށް ވިދާޅުވި އެވެ.
އިގްތިސާދީ މިނިވަންކަން ގައުމުގައި ގާއިމްވެގެން ދިޔުމަކީ ގައުމުގައި މިނިވަންކަން ގާއުމްވުމުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލާއި ބަސް ދިމާކުރަން އެމަނިކުފާން އިލްތިމާސް ކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކުރުމަށާއި މިއަދާ ހަމައަށް މި ގައުމު ގެނެސްދިން އަބްތާލުންގެ ޖިހާދު ބޭކާރުވިޔަ ނުދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.
އިސްލާމް ދީނަކީ ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތްކަމުގައި ޤަބޫލުކޮށް، ދީން އެންގެވި ގޮތަށް ޢަމަލާއި ބަސް ދިމާކޮށް، އެކަމަށްޓަކައި ފަޚްރުވެރިވެ، ކާބަފައިންނާއި އަބުޠާލުންގެ ޤުރުބާނީގެ ވާހަކަތައް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވި، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި ހަނދާނީ އައްޑަނަ އެރުވި އެ ހާދިސާގެ 19 ޝަހީދުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަރްޙަބާ ދެންނެވިއެވެ.