ENGLISH

02 ނޮވެމްބަރު 2025

Advertisement

ބޯހިޔާވަހިކަމުގެ ބިލު ކޮމިޓީގައި މަޝްވަރާކޮށް، ހުށަހެޅި ޚިޔާލުތަކާއެކު އިސްލާހުކުރަނީ

02 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

މަޖިލީހުގެ ކޮމިޓީ ބައްދަލުވުން މިއަދު ކުރިއަށްގެންދަނީ. ފޮޓޯ: މަޖިލިސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ މަޝްވަރާތައް މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީން މިއަދު ކުރިއަށް ގެންގޮސްފިއެވެ. 

މިއަދުގެ ބައްދަލުވުމުގައި ވަނީ އިދާރާތަކާއި އާއްމު ފަރާތްތަކުން ހުށަހަޅާފައިވާ ހިޔާލުތައް މަޝްވަރާކޮށްފައެވެ. އަދި، ބިލަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ޚިޔާލު ހުށަހަޅަން ވެސް ނިންމާފައިވެއެވެ. އެ ވުޒާރާގެ ޚިޔާލުތައް ކޮމިޓީއަށް ހުށަހަޅާނީ އަންނަ އަންގާރަ ދުވަހުއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ބިލަށް ހުށަހަޅާފައިވާ ޚިޔާލުތައް މަޝްވަރާކޮށް، އިސްލާހުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި، އަންނަ ހަފްތާ ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްތުކުރައްވާ ކަމަށް ފަލާޙް ވިދާޅުވިއެވެ. 

ބޯހިޔާވަހިކަމުގެ ބިލު ބަލައިގަތުމަށްފަހު ދިރާސާކުރުމަށް މަޖިލީހުގެ ގެދޮރުވެރި ކަމާބެހޭ ކޮމިޓީއަށް ފޮނުވީ 2025 މެއި 5 ވަނަ ދުވަހެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދުއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން ޖެހޭނެއެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. 

ބިލުގެ މަގްސަދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް އެ މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށް އެފަދަ މަޝްރޫއުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކުގެ އަސާސީ ޒިންމާތައް ކަނޑައެޅުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުއްދަ ދިނުމާއި މަޝްރޫއު ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ވަނީ ހިމަނައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު