ENGLISH
02 ނޮވެމްބަރު 2025
އުމްރާ ވިސާ ލިބޭތާ އެއް މަސް ތެރޭ ސައުދީއަށް އެތެރެވުން މިހާރު ލާޒިމުވާނެ
02 ނޮވެމްބަރު 2025
|
ދިވެހި އުމްރާވެރިންތަކެއް ހަރަމްފުޅުގައި
ސައުދީ އަރަބިއްޔާއިން އުމުރާގެ އަޅުކަން އަދާކުރުމަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވާން ލިބޭ މުހުލަތު އެއް މަސް ދުވަހަށް ކުރުކުރަން އެ ގައުމުން ނިންމައިފިއެވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާއިން އުމްރާވެރިންނަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވުމަށް ތިން މަސްދުވަހުގެ މުއްދަތެއް ލިބެއެވެ. ނަމަވެސް ފާއިތުވި ޖޫން މަހު ފެށުނު އުމްރާ މޫސުމުގައި ދޫކުރި ވިސާގެ އަދަދު ނިމުނު އުމްރާ މޫސުމާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެ ހަތަރު މިލިއަނަށް އެރުމާ ގުޅިގެން ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިން އުމްރާގެ ވިސާއާ ގުޅުންހުރި ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަން ސައުދީ ގެޒެޓުގައި ހާމަކޮށްފައިވެއެވެ.
އެ ވުޒާރާއިން އުމްރާގެ ވިސާގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ސައުދީން އުމްރާއަށް ދޫކުރާ ވިސާގެ ތެރެއިން އެންޓްރީ ވިސާގެ މުއްދަތު އެއް މަސް ދުވަހަަށް ކުރުކުރަން ނިންމާފައިވެއެވެ. އެހެންކަމުން އެ ވިސާ ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ސައުދީއަށް އެތެރެވުން ލާޒިމުވާނެއެވެ.
އުމްރާ ވިސާގައި ސައުދީއަށް އެތެރެވުމަށް ލިބޭ މުހުލަތު އެއް މަސްދުވަހަަށް ކުރުކުރި ނަމަވެސް ސައުދީއަށް އެތެރެވުމަށްފަހު ކުރިއެކޭ އެއްގޮތަށް އެ ގައުމުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ތިން މަސްދުވަހު މަޑުކުރުމަށް ހުރަހެއް ނޯންނާނެއެވެ.
ނޭޝަނަލް ކޮމިޓީ ފޯ އުމްރާ އެންޑް ވިޒިޓްގެ އެޑްވައިޒަރު އަހުމަދު ބާޖާއިފަރު ވިދާޅުވި ގޮތުގައި، އެ ބަދަލުތައް ގެނައީ މި ސީޒަންގައި އުމްރާވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ގައުމަށް ވަނުމުގެ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ އިތުރުން، ދެ ހަރަމްފުޅުގައި ދިމާވާނެ ތޮއްޖެހުން ހުއްޓުވުމަށެވެ.