ENGLISH

02 ނޮވެމްބަރު 2025

Advertisement

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތައާރަފްކުރުމާ އެކު ރާއްޖެ މިވަނީ ދުނިޔޭގައި ނަމޫނާ ގައުމަކަށްވެފައި: މިނިސްޓަރ ޝަފީޢު

02 ނޮވެމްބަރު 2025

|

ހަސަން އާމިރު

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތައާރަފްކުރުމާ އެކު ރާއްޖެ މިވަނީ ދުނިޔޭގައި ނަމޫނާ ގައުމަކަށްވެފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ރާއްޖޭގައި ދުންފަތް ބޭނުންކުރުމާއި އޭގެ މުއާމަލާތްކުރުން މަނާކުރުން ފާހަގަކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ކުރިއަށް ގެންދިޔަ 32 ގަޑިއިރުގެ ޓެލެތޯންގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ރާއްޖެއިން ދުނިޔެ އަށް ނަމޫނާ ދައްކައިފި ކަމަށާއި ދުންފަތް މަނާކުރުމުގެ މި މުހިންމު ފިޔަވަޅަކީ ހުރިހާ ދިވެހިންނާއި ބެލެނިވެރިން އަދި ހުރިހާ ދަރިވަރުންނާއި ޓީޗަރުން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒް ކުރުން ފެށުމުގެ އަސްލަކަށްވީ ސްކޫލްތަކުގައި ވޭޕް މަނާކުރަން ފެށި ހިސާބުން ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރި ކަމަކީ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ބެލެނިވެރިންނާ މަޝްވަރާކޮށް އެބޭފުޅުން މިކަމުގައި ދެކޭ ގޮތް ބެލުން ކަމަށެވެ. އަދި ހުރިހާ ސްކޫލަކުން ވެސް އެދުނީ މިއީ މަނާކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

އެމަނިކުފާން ވިދާޅުވީ މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުން، މާލޭ އޭރިއާ އަށް އެކަނި ބެލިކަމުގައި ވިޔަސް ސްކޫލްތަކުން ދުވާލަކު 50-60 ވޭޕް ސްޓިކް ކުރިން ފެންނަ ކަމަށެވެ. ނަމަވެސް މިހާރު ހަފުތާއަކު އެކަތި ނޫނީ ދޭތި ވެސް ނުފެނެއޭ ބުނާވަރަށް މަދުވެއްޖެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވޭޕް މަނާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައިރު އެންމެ ފުރަތަމަ ކުރި ކަމަކީ ބެލެނިވެރިންނާ މަޝްވަރާ ކުރުން. މިގޮތުން ރާއްޖޭގެ 200 އަށް ވުރެ ގިނަ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ބެލެނިވެރިންނާ މަޝްވަރާކުރެވި އެބޭފުޅުން މިކަމުގައި ދެކޭގޮތް އަޅުގަނޑުމެން ބެލީ. ހުރިހާ ސްކޫލަކުން އަޅުގަނޑުމެންގެ ކިބައިން އެދުނީ މިއީ މަނާކުރަން ޖެހޭ ކަމެކޭ، ހުއްޓާލަން ޖެހޭ ކަމެކޭ،" މިނިސްޓަރ ވިދާޅުވި އެވެ. "މިއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލް ކުރަނީ. އެއީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެއް. އެއާ ވިދިގެން އައި ކަމެއް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތައާރަފްވެގެން އައި އައުމަކީ." 

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކަމަށާއި މިއީ އެންމެން ގުޅިގެން ނޫނީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސިނގިރޭޓް އިމްޕޯޓް ކުރުމަށް ރާއްޖެ އިން 1.8 ބިލިއަން ރުފިޔާ އަހަރަކު ހޭދަކުރާ ކަމަށާއި މިކަމުގެ ސިއްހީ އަދި އިގްތިސާދީ އިމްޕެކްޓުގެ އިތުރުން އިޖްތިމާއީ މައްސަލަތަކަށް ބެލިކަމުގައި ވިޔަސް އަޅުގަނޑުމެން އެއް ރޫހެއްގައި މަސައްކަތްކޮށްފި ނަމަ މިއީ ކާމިޔާބު ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހި ރާއްޖެ އަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ޤާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް، މީގެ ކުރިން ރާއްޖޭގެ އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީޚީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ މިހާރުގެ އާބާދީގެ 30.1 އިންސައްތަ މީހުންނަކީ ޖަނަވަރީ 1، 2007 ގެ ފަހުން އުފަންވެފައިވާ މީހުންނެވެ. މީގެ 29 އަހަރު ފަހުން އެ ނިސްބަތް 45 އިންސައްތައަށް ބޮޑުވާނެއެވެ. މާނައަކީ 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ އުމުރުން 47 އަހަރުގެ ދަށުގެ އެންމެންނަކީ ދުންފަތް  ބޭނުންކުރުން މަނާ މީހުންނެވެ. 

ދިވެހި ރާއްޖެ ހިމެނިފައި ވަނީ ގައުމީ ލެވެލްގައި ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށި ފުރަތަމަ ޤައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު