ENGLISH
03 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލްއަށް ޑްރަގް ވައްދަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްޗަށް ދައުވާކުރަނީ
02 ނޮވެމްބަރު 2025
|
ފުލުހުން އަތުލައިގަނެފައިވާ ބައެއް މަސްތުވާތަކެތި
އައްޑޫ ސިޓީގެ ހިތަދޫ ކަސްޓޯޑިއަލްގެ ތެރެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
ފުލުހުން މީޑިޔާއަަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ވަޒީފާގައި ހުރި އުމުރުން 25 އަހަރުގެ ކޮންސްޓަބަލެއް ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްގެ ތެރެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ބަލައިފާސްކޮށްފައިވެއެވެ.
އޭނާ ބަަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމުގައި ބެލެވޭ އެއްޗެއް ފެނިފައިވާތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދަށަށް ގެނައީ ފާއިތުވި ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދެއްވާފައިވެއެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ މިނިވަންކުރީ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގައި ކަމަަށް ފުލުހުން ބުންޏެވެ.
އަދި މައްސަލަައިގެ ތަހުގީގު ނިންމައި ފާއިތުވި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގައި ފުލުހުންގެ ހިދުމަތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މުއްތަހަމު ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ޝާމިލުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.