ENGLISH
03 ނޮވެމްބަރު 2025
ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓު 50 އިންސައްތަ ބޮޑުކޮށްފި، އެންމެ ބޮޑު ހޭދައެއް ސުކޫލު އެޅުމާއި މަރާމާތުކުރުމަށް
02 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަަނޑައެޅި ފައިސާގެ އަދަދު މި އަހަރަށް ލަފާކުރި ބަޖެޓުގައި ތައުލީމީ ދާއިރާގެ ޕީއެސްއައިޕީއަށް ހާއްސަކުރި ބަޖެޓަށްވުރެ 50 އިންސައްތަ އިތުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓަކީ 799.6 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ތައުލީމީ ދާއިރާގެ ޕީއެސްއަައިޕީއަށް އަންދާޒާކޮށްފައި އޮތީ 516.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓު މި އަހަރަށް ލަފާކުރި ބަޖެޓަށްވުރެ %50 އިތުރުވާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ނިޔަލަށް ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުވާނެ ކަމުގައި ބެލެވެނީ 153.5 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މަތީ ތައުލީމާ ގުޅުންހުރި ޕީއެސްއައިޕީ ބަޖެޓުގައި ރިސާޗް އިންސްޓިޓޫޓްތަކާއި ލައިބްރަރީތައް ގާއިމުކުރުމަށް 7.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ޔުނިވަސިޓީތަކާއި ކޮލެޖުތަކާ ގުޅޭ މަޝްރޫއުތައް ހިންގުމަށް 118.8 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ކުރާނެ ކަމަށް ލަފާކޮށްފައިވަނީ ފަށާ ތައުލީމާއި ސާނަވީ ތައުލީމަށެވެ. އެގޮތުން ސްކޫލު އިމާރާތްތައް އެޅުމާއި މަރާމާތުކުރުމަށް 598.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ބަޖެޓުގައި ލަފާކޮށްފައިވެއެވެ. އަދި ސްކޫލުތަކުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އިތުރު 57 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
މިއާއެކު އަންނަ އަހަރު އިބްތިދާއީ އަދި ސާނަވީ ތައުލީމަށް ޖުމްލަ 655.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި އަންދާޒާކޮށްފަައިވެއެވެ. އެއީ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި މި ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަވާނެ ކަމުގައި އަންދާޒާކުރި 465 މިލިއަން ރުފިޔާއަށްވުރެ 40.8 އިންސައްތަ އިތުރު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުން އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮންނާނީ ސިއްހީ ދާއިރާއަށެވެ. އެ ދާއިރާއަށްފަހު ދެން އެންމެ ބޮޑު ސަމާލުކަމެއް ދީފައި އޮންނާނީ ތައުލީމީ ދާއިރާއަށެވެ.
ރައީސް ވިދާޅުވެފައިވަނީ އަންނަ އަހަރު ސަރުކާރުގެ މައިގަނޑު އަމާޒަކަށްވާނީ މި ދެ ދާއިރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް، މި ދާއިރާތަަކުގައި ވަސީލަތްތައް ފުރިމަވެފައި ނެތް ތަންތަނުގައި އެ ވަސީލަތްތައް ގާއިމުކުރުން ކަމަށެވެ.