ENGLISH
01 ނޮވެމްބަރު 2025
ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން: މުސާރައިގެ ކުރިއެރުމާއެކު ހިތްހަމަޖެހުން
01 ނޮވެމްބަރު 2025
|
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުނުކޮށް ތިބި، ސިވިލް ސާވަންޓުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2025 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރައްވާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އިޢުލާނުކުރެއްވިއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު މިފަދައިން އިޢުލާނުކުރެއްވުން ވެގެންދިޔައީ، އެތައް ހާސް މުވައްޒަފުންނެއްގެ ޒަމާންވީ އުއްމީދާ ގުޅިފައިވާ ކަމަކަށެވެ. ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ގޮތަށް ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން އެ ދާއިރާތަކުގެ މުސާރަ މިހާރު އެވަނީ ބޮޑުވެފައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފްސީލުގައި 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް، އެޑިއުކޭޝަނަލް ސާވިސް، ހެލްތު ސާވިސް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް، ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް، ޕްރޮޓެކްޓިވް ސާވިސް، ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް އަދި ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސްއެވެ.
ދައުލަތުގެ މުސާރަ ބޮޑުވެގެންދިޔައިރު، އެއީ ރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެކެވެ. ސިވިލް ސަރވިސްއިން މިދިޔަ މެއި މަހު އާއްމުކުރި ތަފާސްހިސާބުގައި، އެ އިދާރާގެ ދަށުގައި 30،436 މުވައްޒަފުން އެބަތިއްބެވެ. ކުރިން ސަމާލުކަން ނުދެވި، ކުޑަ މުސާރައެއްގައި އުޅެމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން އޭގެތެރޭގައި ހިމެނެއެވެ. ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ތެރޭގައި ވެސް މީގެކުރިން އެ ނުތަނަވަސްކަން އޮތެވެ. އެހެންނަމަވެސް، މިއަދު އެ ހުރިހާ ދާއިރާއަކަށް ލިބޭ ހިިތްހަމަޖެހުމަކީ އެކަށީގެންވާ އުޖޫރައެއް ލިބޭނެކަމުގެ ޔަގީންކަމެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު އަސާސަކީ ފަންނުތައް ވަކިކޮށް އެފަންނަކަށް އެކަށޭނަ އުޖޫރައެއް ކަނޑައެޅުމެވެ. އަދި، ދައުލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރައަކީ އެ ވަޒީފާއަކާ އެކަށޭނެ މުސާރައަކަށް ހެދުމެވެ. މި ދެ މަޤްސަދަކީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.
ޕޭ ހާމަނައިޒޭޝަނަށް އައި ބަދަލާއެކު އެ ފަންނަކަށް އެކަށޭނެ މުސާރައަކާއި ޢިނާޔާތެއް ވަނީ ހަމަޖެހިފައެވެ. މިސާލަކަށް ބަލާނަމަ، ޑްރައިވަރުންގެ ތެރޭގައިވެސް ތަފާތު ވެހިކަލްތައް ދުއްވާ ޑްރައިވަރުން ތިބޭއިރު، ކުރިން މުސާރައާއި ޢިނާޔަތްތައް ދެވެމުންދަނީ އެއްވަރަކަށެވެ. އެހެންނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ޑްރައިވަރުންގެ ތެރެއިން ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަކީ ތަފާތު މަސައްކަތެއް ކުރާ ބަޔަކަށްވާތީ، ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަން ލިބިގެންދާނީ ކާރު ޑްރައިވަރުންނާ ތަފާތު މުސާރައެކެވެ. އެއީ އެ ވެހިކަލް ދުއްވަން ބޭނުންވާނެ ހުނަރު ތަފާތުވެފައި، ވެހިކަލް ދުއްވާއިރު ނަގަންޖެހޭ ބުރަވެސް ތަފާތުވުމެވެ.
ސިވިލް ސަރވިސްގެ ގިނަ އިދާރާތަކެއް ހިންގަމުން އަންނަ ވެލާނާގެ. މުވައްޒަފުންގެ މުސާރަ ސަރުކާރުން ވަނީ ބޮޑުކޮށްފަ
އާ ބަދަލާއެކު މުސާރައާއި އިނާޔާތްތައް ބިނާވަނީ ހަމައެކަނި ތައުލީމީ ސެޓްފިކެޓްގެ ފެންވަރަށް ނޫނެވެ. ނަމަވެސް، މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިއިރު އެ ފަންނެއްގެ ފަންނުވެރިކަމާއި، ފާޑުވެރިކަމާއި، ފަންނެއްގެ ގޮތުން އެ ފަންނަކީ މީހުން ބިނާކުރަންޖެހޭ ފަންނެއްތޯއާއި އަދި އެ ފަންނަކަށް ވަޒީފާގެ ބާޒާރުގައި ޑިމާންޑް އޮންނަ މިންވަރުފަދަ ކަންކަމަށް ވަނީ ބަލައިފައެވެ. މިސާލަކަށް، މީގެ ކުރިން އިދާރާތަކުގައި އިދާރީ ސެކްޝަންގައި ހިމެނޭ އަދި ފައިނޭންސް ސެކްޝަނުގައި ހިމެނޭ އިދާރީ މުވައްޒަފުންނަށް މީގެ ކުރިން ލިބެމުންދަނީ އެއް މުސާރައެކެވެ. ނަމަވެސް ފައިނޭންސް ދާއިރާއަކީ ތަފާތު ހުނަރެއް ބޭނުންވާ އަދި މަސައްކަތުގައި ތަފާތު ރިސްކް ނަގަންޖެހުމާއި މާލިއްޔަތު ޤަވައިދު ފަދަ ގަވާއިދުތަކަށް އަހުލުވެރިވާންޖެހޭ ބައެއް ކަމަށްވެފައި، އަދި މަސައްކަތުގެ ބާވަތުން އުފުލަންޖެހޭ ޒިންމާ ބޮޑު ދާއިރާއެއް ކަމަށްވުމުން އާ ޕޭ ހާމަނައިޒޭޝަނުގައި މުސާރައާއި ޢިނާޔަތްތައް ވަނީ ތަފާތުކޮށްފައެވެ.
މުސާރައިގެ ބަދަލުގެ ތެރެއިން، އިތުރުގަޑީގެ މަސައްކަތަށް ލިބޭ 10 އިންސައްތައިގެ ކެޕްގެ ސަބަބުން ވެސް ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަޒީފާގައި ހޭދަކުރާ ވަގުތާއި ދިރިއުޅުމުގައި ހުންނަ އެހެނިހެން ކަންކަމަށް ހޭދަކުރާ ވަގުތު މެނޭޖުކުރުމަށް ނުވަތަ 'ވޯކް ލައިފް ބެލެންސް' އެއް ގެންގުޅުމަށް ބާރުއެޅުމަކީ އޭގެ އެއް ސަބަބެވެ. އޭގެއިތުރުން، ރަސްމީ ގަޑީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ވެސް އެ ބަދަލުގެ ސަބަބެކެވެ. އިތުރު ގަޑީގެ ކެޕަށް ގެނެސްފައިވާ ބަދަލާއެކު ލިބިގެންދާ ލުއިފަސޭހައަކީ، މަސައްކަތުގެ ބާވަތުން ފްލެކްސިބަލް ގަޑިތައް ހަމަޖެއްސުމަށް މަގުފަހިވުމެވެ. މިސާލަކަށް ބަލާނަމަ، މެއިންޓެނަންސް ސްޓާފެއްގެ މަސައްކަތް ފެށެން އޮތީ ރަސްމީ ގަޑީގެ ފަހުން ކަމުގައިވާނަމަ، އެ އިދާރާއަކުން އެ މުވައްޒަފުގެ ރަސްމީ ގަޑިގެ ގޮތުގައި މެންދުރުފަހު ދެއަކުން ފެށޭ ގޮތަށް ހަމަޖެއްސިދާނެއެވެ.
މުވައްޒަފުންތަކެއް އޮފީހެއްގައި މަސައްކަތްކުރަނީ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މުވައްޒަފުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް.
މަދު ދާއިރާތަކެއްގެ މުސާރަތަކަށް މީގެކުރިން ބަދަލު ގެނެސްފައިވީނަމަވެސް، ޙަޤީގަތަކީ މަސައްކަތްތެރީންގެ ތެރެއިން ބޮޑު އިންސައްތައަކަށް އޮތީ އެކަށީގެންވާ މުސާރައެއް ކަނޑަނޭޅިކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް އަވަސްކުރައްވައި އެކަށީގެންވާ އުޖޫރައެއް ދައުލަތުގެ މުވައްޒަފުންނަށް ދެއްވުމެވެ.
އެމަސައްކަތުގެ ދަށުން އަލަށް އިއުލާނުކުރި މުސާރަތަކާއެކު، ސިވިސް ސަރވިސްގައި މަސައްކަތްކުރަމުންދާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ މިނިމަމް ވޭޖަށްވުރެ އިތުރު ނުވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ. އަދި، އަސާސީ މުސާރައާއި އެލަވަންސްތަކަށްވުރެ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވުމުން ލިބޭ މުސާރައާއި ޢިނާޔަތްތަކަށް އަޅާބަލާއިރު އުނިކަމެއް އަންނަ ނަމަ އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސްގެ ގޮތުގައި އެލަވަންސްއެއް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވެއެވެ.
މުސާރައަށް ހެޔޮ ބަދަލެއް ގެނެސް، ސަރުކާރުން މިހާރު ވަނީ އެކަމަށް ކުރާ ހޭދަ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17.1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.