ENGLISH
01 ނޮވެމްބަރު 2025
ދުންފަތާ ދެކޮޅު ދުވުމުގައި އެޗްޑީސީ މުވައްޒަފުންގެ ބޮޑު ތަރުހީބެއް
01 ނޮވެމްބަރު 2025
|
"ނޭޝަނަލް ޓޯޗް ރަން" އެޗްޑީސީން ބައިވެރިން. އެ އޮފީހުން ބޮޑު ތަރުހީބެއް ލިބުނު. ފޮޓޯ: އެޗްޑީސީ
ނޮވެމްބަރު 1 އިން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމާ ގުޅިގެން ކުރިއަށްގެންދިޔަ "ނޭޝަނަލް ޓޯޗް ރަން" ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތް ވަނީ މަނާކުރެވިފައެވެ. އެއީ ޤާނޫނަށް ގެނައި އިޞްލާޙުގެ އެންމެ މުހިއްމު އެއް ބަދަލެވެ. ދުންފަތާ ދުރުވެފައިވާ ޖީލެއް އުފެއްދުމަށް ސަރުކާރުން ފެށި ތާރީޚީ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން 24 ގަޑިއިރުގެ ދުވުމެއް ވަނީ ބާއްވައިފައެވެ.
ދުވުމުގައި ބައިވެރިވި އެޗްޑީސީގެ މުވައްޒަފުން. 350 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި. ފޮޓޯ: އެޗްޑީސީ
މިނިސްޓްރީ އޮފް ހެލްތު އަދި، މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަން ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދިޔަ މި ދުވުމަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެޗްޑީސީން ބުނީ ހުއްޓުމެއް ނެތި 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ދުވުމުގައި އެ އޮފީހުގެ 350 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރި ކަމަށެވެ. ދުވުމުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީން އަންނަނީ ސަރުކާރުގެ ފަރާތުން އަދި އިޖުތިމާއީ ގޮތުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެ، އެއްބާރުލުން ދެމުންނެވެ. އެ އޮފީހުން ބުނީ މިފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފަރާތުން ކުރިއަށްއޮތްތަނުގައި ވެސް ބައިވެރި، ދުޅަހެޔޮ ރާއްޖެއެށް ބިނާކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.