ENGLISH
01 ނޮވެމްބަރު 2025
ސްޕޯޓްސް ފިޝިންގެ އެންމެ ބޮޑު މުބާރާތް "ބުރުނު ބޮމަ" އަންނަ ޖޫން މަހު ބާއްވަނީ
01 ނޮވެމްބަރު 2025
|
މިއަހަރު ބޭއްވި ބުރުނު ބޮމަ މުބާރާތުގެ ތެރެއިން. އަންނަ އަހަރުގެ މުބާރާތް ތާވަލުކުރީ ޖޫން މަހަށް. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ވިޒިޓް މޯލްޑިވްސް ކްލަބް ގުޅިގެން ބާއްވާ ސްޕޯޓްސް ފިޝިން ޓޯނަމެންޓުގެ ދެވަނަ އެޑިޝަން "ބުރުނު ބޮމަ 2026" ޖޫން މަހު ބާއްވަން އިއުލާނުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މީޑިއާއާ ހިއްސާކުރި މަޢުލޫމާތުގައި ބުނީ މުބާރާތް އޮންނާނީ އަންްނަ އަހަރުގެ ޖޫން 13 އިން 15 އަށް ކަމަށެވެ.
މުބާރާތުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ މައިދާނުގައި ރާއްޖެ އަކީ ސްޕޯޓްސް ފިޝިން ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އިތުރުން ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިން އިންޑަސްޓްރީ ކުރިއެރުވުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. އަދި ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިކަން ހުންނަ ދިވެހިންނަށް މިކަން ކުރެވޭނެ ބައިނަލްއަގުވާމީ މަންސައެއް ހޯދައިދީ، މި ކަން ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަކީ ވެސް މުބާރާތް ބޭއްވުމުގެ އަމާޒެކެވެ.
"ބުރުނު ބޮމަ އަކީ ހަމަ އެކަނި މުބާރާތަކަށްވުރެ އިތުރަށް، ރާއްޖޭގެ ފަތުރުވެރިކަން އެކި ދާއިރާތަކުން ސިންދަފަތުކުރެވިދާނެ މިންވަރު ހާމަކޮށްދޭ ކަމެއް. 2026 ވަނަ އަހަރަށް މި އިއުލާންކުރެވިގެންދާ މުބާރާތުގައި، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވާން ފުރުސަތު ހުޅުވާލެވި، ގިނަ ބަޔަކާ އެކު ޕާޓްނާޝިޕް ގާއިމްކުރެވިގެން ދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މި މުބާރާތް ވެގެންދާނީ ސްޕޯޓްސް ފިޝިން ދާއިރާގެ މުސްތަގުބަލަށް ވެސް މުހިންމު މުބާރާތަކަށް" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ކާމިޔާބީން ދައްކުވައިދިނީ އެކަމަށް ގިނަ ބައެއްގެ ހިތުގައި އޮތް ލޯތްބާއި ރޫހު ކަމަށެވެ.
"2026ގެ މުބާރާތް އިއުލާންކުރެވިގެންދާއިރު، އަޅުގަނޑުމެން އުންމީދުކުރަނީ މި މުބާރާތުގައި ގިނަ ބަޔަކު ވާދަކޮށް، ޝައުގުވެރި، ހަނދާނުން ފޮހެވިގެން ނުދާނެހާ ވަރުގަދަކޮށް މި ޓޯނަމެންޓު ކުރިއަށް ގެންދިއުން. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ނިމިދިޔަ މުބާރާތަށް ވުރެ ކުރިއަށް އޮތް މުބާރާތް ކާމިޔާބުވެ ވަރުގަދަވާނެކަން" ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް އަހުމަދު ސާއިފް ވިދާޅުވިއެވެ.
ބުރުނު ބޮމަ މުބާރާތް ލޯންޗުކުރީ 2024 ވަނަ އަހަރެވެ. މިއަހަރު ބޭއްވި ފުރަތަމަ މުބާރާތަށް ރާއްޖޭން ބޭރުން ވެސް ތަރުހީބު ލިބުނެވެ. އެގޮތުން 9 ޓީމު މުބާރާތުގައި ވާދަކުރިއިރު، އޭގެތެރޭގައި ރާއްޖޭގެ 8 ޓީމަކާއި ދުބާއީއަށް ނިސްބަތްވާ ޓީމެއް ވެސް ހިމެނުނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި "ޓީމް ދުބާއީ" އަށް އިނާމުގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ވަނީ ދީފައެވެ.