ENGLISH

01 ނޮވެމްބަރު 2025

Advertisement

މި ސަރުކާރުގެ މައިގަނޑު ސިއްހީ އަމާޒަކީ ދުޅަހެޔޮ ދިވެހިންގެ ރާއްޖެއެއް ބިނާކުރުން: ހެލްތު މިނިސްޓަރ

31 އޮކްޓޯބަރު 2025

|

ހަސަން އާމިރު

މި ސަރުކާރުގެ ސިއްހީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖްތަމަޢެއް އަދި ދުޅަހެޔޮ ދިވެހިންގެ ރާއްޖެއެއް ބިނާކުރުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް "ނޭޝެނަލް ޓޯޗް ރަން" ގެ ނަމުގައި މިއަދު ހަވީރު ފެށި ދުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލު ނުވެ ރައްކާތެރިވުން ކަމަށެވެ. އަދި ސަލާމަތް ސިއްހަތެއްގައި ހުރުމަކީ ދިރި ހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މި ގޮތުން ސިއްހީ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމާއި ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމާއި މި ހުރިހާ ކަމެއް ވަށާ ޖެހޭ ގޮތެއްގައި މިކަމާ ގުޅޭ މުއައްސަސަތަކާ ގުޅިގެން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މައިގަނޑު އަމާޒު،" މިނިސްޓަރ ވިދާޅުވި އެވެ. "ރާއްޖޭގައި ދިމާވާ ސިއްހީ ގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ވެސް އެނގޭނެ ފަދައިން ގުޅިފައި ވަނީ އަޅުގަނޑުމެންގެ ދިރިއުޅާ ގުޅިފައިވާ ސިއްހަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކަށް ކަމުގައިވާތީވެ މިފަދަ އާދަތަކުން އަޅުގަނޑުމެންގެ މުޖްތަމަޢު އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ސިއްހީ ގޮތުން ރައްކާތެރި ސިއްހީ ދުޅަހެޔޮ ކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބު ކުރުމަކީ އަޅުގަނޑުމެން އެންމެ ބޮޑަށް އަހުމިއްޔަތުކަން ދޭން ޖެހޭ ކަންކަން."

ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާނީ މިރޭ 12 އިން ފެށިގެންނެވެ. 

މިއަހަރުގެ މެއި 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގައިވާ ގޮތުން 2007، ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިޞްތިޢުމާލުކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ބާވަތުގެ އެކި ކަހަލަ ތަކެތި ގަތުމާއި، ވިއްކުން މަނާވާނެއެވެ.  

މިނިސްޓަރ ނާޒިމް ވިދާޅުވީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަނަލް ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުން ކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވަނީ ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށި ފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމަށް ޑަބްލިޔުއެޗްއޯއިން މަރުޚަބާ ކިޔާކަމަ ށްވެސް ޕޭޑެން ވިދާޅުވިއެވެ.

"ނެޝެނަލް ޓޯޗް ރަން" އަކީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ދުވުން ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ.

މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

ދުންފަތާ ދެކޮޅަށް ފެށި "ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލެތޯނެއް ވެސް މިއަދު ވަނީ ފަށައިފަ އެވެ. ރާއްޖޭގެ އެކި މީޑިއާތަކާ ގުޅިގެން ދައުލަތުގެ މީޑިއާ އިން ކުރިއަށް ގެންދާ މި ޓެލެތޯން ފަށާފައި ވަނީ މިއަދު ހަވީރު 3:45 ގަ އެވެ. މި ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރު އެވެ.

މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދޭނެ އެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައް ގެނެސްދިނުމުގެ އިތުރައް ތަފާތު ބައިތައް މި ޓެލެތޯންގައި ހިމެނޭނެއެވެ. ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައް ވެސް ޓެލެތޯނުގައި ގެނެސްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު