ENGLISH

07 ނޮވެމްބަރު 2025

Advertisement

އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް: ޚުޠުބާ

31 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ހުކުރު ނަމާދުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ރިސާލަތަކީ، މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތްﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށާއި، މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ، ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް" މި މަޢުޟޫއަށް މިއަދު ދިން ޚުޠުބާގައި ވަނީ، އިސްލާމީ ރިސާލަތަކީ، އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށާއި، މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ ރަޙުމާއި ހަމްދަރުދީގެ ރިސާލަތެއް ކަމަށް ބުނެފައެވެ.

އިސްލާމްދީނުގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާން ފެށިފައިވަނީ، އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުންކަން ހަނދާންކޮށްދެއްވަމުން، މިއަދުގެ ޚުޠުބާގައި ބުނީ، ބައެއް މީހުން އިސްލާމްދީނާ މެދު އެއްވެސް ރަޙުމެތް ނެތް ހަރުކަށި ދީނެއްގެ ގޮތުގައި ދެކުނުނަމަވެސް، ހަގީގަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީން ކަމަށެވެ. އެ ދީނުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަކީ ރަޙުމަތުގެ ނަބިއްޔާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"އަދި އާލަމްތަކަށް ރަޙުމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." ޚުޠުބާގައި މާތް ރަސްކަލާނގެގެ ވަހީ ބަސްފުޅެއްގެ މާނަ ގެނެސްދެއްވަމުން ބުނެފައިވެއެވެ.

އިސްލާމްދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާއިރު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެ ކަމުގެ ނަމޫނާ ދެއްކެވިކަން ހަނދާންކޮށްދެއްވަމުން ޚުޠުބާގައި ބުނީ، ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވި ކަމަށެވެ. އެއީ ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަންކަމުގައިވާތީއެވެ.

"އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެކެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ މި ރަޙުމަތާއި އޯގާތެރިކަން ފެތުރުއްވުމަށް ކަމަށާއި، އެކަލޭގެފާނަކީ މަތިވެރި އަޚުލާޤާއި ތަނަވަސް ހިތްޕުޅެއްގެ ވެރި ބޭކަލެއްކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

"މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އެކަލޭގެފާނު އެމީހުންނާ މެދު އޯގާތެރިވެވަޑައިގަތެވެ. އެކަލޭގެފާނު މައްކާއިން ނެރެލައި އަނިޔާދިން މީހުންނާ މެދު ޢަމަލުކުރެއްވީ ނުހަނު އޯގާތެރިކަމާއި ރަޙުމާއި ކުލުނާ އެކުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ކަމަކުން ވެސް ފެނިފައިވަނީ ރަޙުމަތާއި އޯގާވެރިކަމެވެ. އެކަލޭގެފާނު ކުޑަކުދީންނަށް ލޯބިދެއްވައި، މުސްކުޅީންނަށް އިޙުތިރާމުކުރައްވައި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، އަޅުންނަށް ހެޔޮކޮށް ހިއްތެވިއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅާކަމަށާއި މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭކަން ހަނދާންކޮށްދީފައެވެ. އަދި އެންމެހާ މީސްތަކުން އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓައި، ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވެ ތިބުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު