ENGLISH
30 އޮކްޓޯބަރު 2025
ބައްސާމްގެ އިތުރު މައްސަލައެއް ސާބިތުވެއްޖެ، މިފަހަރު 5 އަހަރުގެ ޖަލު ހުކުމެއް
30 އޮކްޓޯބަރު 2025
|
ބައްސާމް ކޯޓު އަޑުއެހުމެއްގައި. ދެ މައްސަލައެއް ސާބިތުވެ 9 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ.
ހިޔާނާތުގެ އިތުރު މައްސަލައެއް ސާބިތުވެ، މިހާރު ވެސް ޖަލު ހުކުމެއްގައި ހުރި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ބައްސާމްގެ މައްޗަށް މީގެކުރިން ސާބިތުވީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތައް ހުށަހަޅައިގެން ބައްސާމުގެ އެކައުންޓަށް ޖަމާކުރި މައްސަލައެވެ. އެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވިކަން ސާބިތުވެ، އެނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ 10،000 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ މަނީލޯންޑްރިންގެ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައިގައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާޢީލް ޝަފީޢު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، ބައްސާމް އެ ފައިސާ ހޯދީ ކުށްކޮށްގެން ކަމަށާއި، އަދި އެ ފައިސާ ލޯންޑާކޮށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
ދައުލަތުން ކޯޓުގައި އެދުނީ ބައްސާމްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމަކާއެކު ބައިލައްކަ އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާށެވެ. އެކަމަކު ބައްސާމްގެ ކުށުގެ ރެކޯޑެއް ނެތުމުން އަދަބު ކުޑަކޮށްދިނުމަށް ބައްސާމްގެ ފަރާތުން ކޯޓުގައި އެދުނެވެ.
ދައުލަތާއި ބައްސާމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ގާޒީ ނިންމީ ބައްސާމް ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށް ޖޫރިމަނާގެ ގޮތުގައި 154،000 ރުފިޔާ ދެއްކުމަށެވެ. ޖޫރިމަނާ ކުރި ފައިސާގެ އަދަދަކީ ބައްސާމް ހިޔާނާތްތެރިވި 10،000 ޑޮލަރުގެ އަގެވެ.
ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި ބައްސާމްގެ އިތުރު ޝަރީޢަތްތަކެއް ވެސް ކޯޓުގައި ކުރިއަށްދެއެވެ. އެންމެ ފަހުގެ ދެ ހުކުމާއެކު ބައްސާމަށް މިހާރު އަންނަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.