ENGLISH

30 އޮކްޓޯބަރު 2025

Advertisement

މީޑިއާތަކަށް މާލީ އެހީދިނުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި

30 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

މީޑިއާ ކޮމިޝަން ހިންގާ އޮފީސް. ފޮޓޯ: ޕީއެސްއެމް

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ޙަވާލުކޮށްފިއެވެ. 

މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިއެވެ. އެއީ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ. 

މީގެކުރިން އެމަސައްކަތް ކުރަމުން އައީ ޒުވާނުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިންނެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުޞޫލުގެ ދަށުން މިއަހަރު 18 މީޑިއާއަކަށް ފައިސާ ލިބޭކަން އެ ވުޒާރާއިން އާއްމުކުރީ އޮކްޓުބަރު 29 ވަނަ ދުވަހުއެވެ. އެ މީޑިއާތަކަށް 27.9 މިލިއަން ރުފިޔާ ކަނޑައެޅިއެވެ. 

މާލީ އެހީތެރިކަން ލިބޭ މީޑިއާތައް އާއްމުކުރުމާއެކު، އެ ކަމާ މެދު ބައެއް މީޑިއާތަކާއި އާއްމުންގެ ޝަކުވާ ބޮޑުވިއެވެ. އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ޙަވާލުކުރިކަން އެންގީ ޒުވާނުންގެ ވުޒާރާއިން މިއަދު އާއްމުކުރި އިޢުލާނުގައެވެ. 

އިޢުލާނުގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް އެވުޒާރާއިން ދެކޭ ކަމަށެވެ. އެހެންކަމުން ފައިސާ ދޭ އުސޫލާ ގުޅިގެން މިނިސްޓްރީން ކުރި ހުރިހާ އިއުލާނުތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. 

އެގޮތަށް ނިންމުމާއެކު، މީޑިއާތަކަށް މާލީ އެހީ ދިނުމާ ގުޅޭގޮތުން މީގެކުރިން ކުރި ހުރިހާ އިއުލާނެއް ބާޠިލުވާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު