ENGLISH
07 ނޮވެމްބަރު 2025
މި އަހަރު %5.4 އިން އިގުތިސާދު ކުރިއަރާނެ، އަންނަ އަހަރަށް ލަފާކުރަނީ %5.6 އިން ކުރިއަރާނެކަމަށް
30 އޮކްޓޯބަރު 2025
|
ބާޒާރު މަތީ ފިހާރައަކަށް ޕިކަޕަކުން ބިސް ކޭސްތަކެއް ބާލަނީ، ފޮޓޯ: ހުރިހާ
މި އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިން ކުރިއަރާނެކަމަށާއި، އަންނަ އަހަރުވެސް 5.3 އިންސައްތަައިން ދިވެހި އިގުތިސާދު ކުރިއަރާނެ ކަމުގައި ސަރުކާރުން ލަފާކޮށްފިއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން، މާލީ ވަޒީރު މޫސާ ޒަމީރު އިއްވެވި ބަޖެޓު ބަޔާނުގައި ވިދާޅުވެފައިވަނީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ބޮޑު އަހަރެއް ކަމަށެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ލޯ ސީޒަނުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަމަށާއި، އެއީ 2024 ވަނަ އަހަރަށްވރެ 9.4 އިންސައްތަ އިތުރު އަދަދެއް ކަމުގައެވެ.
"މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެހެނިހެން ވިލާތުގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިން ދަށްވަމުން ދިޔަ ނަމަވެސް، ސަރުކާރުން އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅި ފިޔަވަތަކާއެކު މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ 4.7 ޕަސެންޓްއިން އިތުރުވެފައި.،" ޒަމީރު ވިދާޅުވިއެވެ.
ފަތުރުވެރިން އައި މިންވަރުގެ އިތުރަށް ބެޑްނައިޓްސްވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 9.5 މިލިއަން ބެޑްނައިޓްސް ރެކޯޑުކުރެވިފައިވާ ކަމަށާއި، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 5.3 އިންސައްތައިން ކުރިއަރާނެކަމުގައި އަންދާޒާކުރެވޭކަމަށް ވިދާޅުވެ ޒަމީރު ފާހަގަކުރެއްވީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވެރެޖުކޮށް ހުންނާނީ 4.9 އިންސައްތައިގަ ކަމަށެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ.،" ޒަމީރު ވިދާޅުވިއެވެ.
އަދި އަންނަ އަހަރާއި އޭގެ ފަހުން މެދުރާސްތާގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ނިންމާފައިވާ ފައިސާގެ އަދަދުތަކށް ބަލާއިރު ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓު ދާއިރާ އެވެރެޖުކޮށް އަހަރު 3.1 އިންސއްތައިން ކުރިއަރާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.