ENGLISH
03 ނޮވެމްބަރު 2025
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
30 އޮކްޓޯބަރު 2025
|
ސަރުކާރުން މި އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފްސީލް ދެއްވަމުން، ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާ ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށެވެ.
"މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ،" މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 56.5 ބިލިއަން ރުފިޔާ އެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.5 ބިލިއަން ރުފިޔާ މި އަހަރަށް ފާސްކުރި އިރު، އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ހުންނާނެކަމަށް މިހާރު އަންދާޒާ ކުރެވެނީ، މަޖިލީހުން ފާސްކޮށްދެއްވި އަދަދަށް ވުރެ ކުޑަ މިންވަރެއްގައި ކަމަށެވެ. އެއީ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ޚަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށް ފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ.
ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ޖުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު 49.2 ބިލިއަން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ސަރުކާރުން ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހެ އެވެ.