ENGLISH

07 ނޮވެމްބަރު 2025

Advertisement

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މިއަދާ ހަމައަށް 100 މިލިއަން ޑޮލަރު ރައްކާކޮށްފައި އެބަހުރި

30 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

2026 ގެ ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު އިއްވަނަނީ، ފޮޓޯޅ ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ދަރަނި އަދާކުރުމަށް ބޭނުންކުރަން 100 މިލިއަން އެމެރިކާ ޑޮލަރު ރައްކާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވެވި ބަޖެޓު ބަޔާނުގައި ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމަށް ފައިނޭންސްގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމުގައި ބެލެވެއެވެ. އެއިން 12.9 ބިލިއަން ރުފިޔާއަކީ ދަރަނި އަދާކުރުމަށް ބޭނުންކުރަންޖެހޭ ފައިސާއެވެ. ޑެފިސިޓު ފައިނޭންސްކުރުމަށް ހޯދަންޖެހެނީ 8.8 ބިލިއަން ރުފިޔާއެވެ. 

ޒަމީރުވަނީ އަންނަ އަހަރަށް ފައިނޭންސްގެ ހޯދަންޖެހޭ ފައިސާ ހޯދުމަށް ރާވާފައިވާ ގޮތުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާކަން ހާމަކުރެއްވިއެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ ދަރަނިވެރިނުވެ ސުކޫކު އަނބުރާ ދެއްކުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ހަމަމަގަށް އަޅުވައި ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށް، އެ ފަންޑުގައި މިއަދާ ހަމއަށް 100 މިލިއަން ޑޮލަރު ނަގުދު ފައިސާއިން ރައްކާކޮށްފައި އެބަހުރި ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

"އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާއިއެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައި. އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ.،" ޒަމީރު ވިދާޅުވިއެވެ. 

ރީފައިނޭންސްކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ނިންމާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓޫ ފަންޑަށް ޖަމާކުރާ ފައިސާއިން ވަކި މިންވަރެއް ބޭނުންކޮށްގެންކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވީ ސުކޫކު ރީފައިނޭންސްކުރުމަށް ބޭރު ފަރާތްތަކުން 450 މިލިއަން ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ ހޯދުމުގެ އިތުރަށް އެކުވެރި ގައުމުތަކުން ބަޖެޓު ސަޕޯޓަށް 300 މިލިއަން ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހޯދާނެ ކަމަށެވެ. 

އޭގެ އިތުރަށް ބަޖެޓު ފައިނޭންސްކުރުމަށް ރާއްޖޭގެ މާލީ އިދާރާތައް ހިމެނޭ ގޮތަށް ޑޮމެސްޓިކް މޭކެޓުން ޖުމްލަ ފަސް ބިލިއަން ރުފިޔާ ހޯދޭނެ ކަމުގައި ލަފާކުރައްވާ ކަމށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެސްޑީއެފްއަށް ޖަމާކުރާ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން 4.2 ބިލިއަން ރުފިޔާގެ ދަރަނި އެ ފައިސާއިން ދެއްކުމަށް ރާވާފައިވާކަމަށްވެސް ޒަމީރުވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު