ENGLISH
08 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓު؛ ޖުމްލަ 64.2 ބިލިއަން ރުފިޔާ، 40.2 ބިލިއަންގެ އާމްދަނީއެއް، ޚަރަދަށް 49.2 ބިލިއަން
30 އޮކްޓޯބަރު 2025
|
މާލީ ވަޒީރު މޫސާ ޒަމީރު ބަޖެޓުގެ ބަޔާން ހުށަހަޅުއްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، ހިލޭއެހީއާއި އާމްދަނީގެ ގޮތުގައި ހުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެކަމުގައި ލަފާކުރާއިރު 49.2 ބިލިއަން ހަރަރުވާނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ)ގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެއް އަހަރަށް ހުށަހެޅޭ އެންމެ ބޮޑު ބަޖެޓެވެ.
ބަޖެޓު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ބަޖެޓުގެ ތެރެއިން ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. އެގޮތުން އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރު ނުވަޔަ 9.3 ބިލިއަން ރުފިޔާ އަދާކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އެ ފައިސާ އުނިކުރުމުން ބަޖެޓުގެ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ.
"މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް. މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް.،" ޒަމީރު ވިދާޅުވިއެވެ.
މެދުރާސްތާގައި ދަރަނި އަދާކުރުމުގެ ހަރަދު ކުޑަވާނެ ކަމުގައި ލަފާކޮށް ބަޖެޓުގައި ހިމަނާފައިވާ ގޮތުން 2027 ވަނަ އަހަރަށް ހުށަހަޅާނެ ކަމުގައި ލަފާކުރަނީ 56.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 2028 ވަނަ އަހަރަށް ހުށަހަޅާނީ 57.0 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދައުލަަތުގެ ހަރަދުތަކަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުކުރަން ހިމެނި ފައިސާގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓު ހަރަދަށް ކުރާ ހޭދައެވެ. ރިކަރަންޓު ހަރަދު އިތުރުވާ މައިގަނޑު ސަބަބަކީ އަންނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް ނިމުމުގެ ސަބަބުންނެވެ.
އާމްދަނީގެ ގޮތުގައި އަންނަ އަަހަރު ޖުންލަ 40.3 ބިލިއަން ރުފިޔާ ލިބޭނެ ކަމުގައި އަންދާޒާކުރެވޭއިރު އޭގެ ތެރޭގައި ހިމެނެނީ 31.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއާއި ޓެކުސް ނޫން ގޮތްގޮތުން 8.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރު ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފަައިވާ އަދަދަށްވުރ 6.6 އިންސައްތަ އިތުރު އަދަދެކެވެ.
"މިއަހަރު ހުޅުވި ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. މީގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރެވޭ. މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާއެކު އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ.،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާކަމަށާއި، އެއީ މި އަހަރު ހިނގާނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 11 އިންސައްތަ އިތުރު މިންވަރެއް ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. ހަރަދު އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވުމާއި، ޕޭ ހާމަނައިޒްކުރުމުގެ ސަބަބުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު އިތުރުވުން ހިމެނެއެވެ.