ENGLISH
08 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓު؛ އަމާޒަކީ މާލީ ކަންކަން ދެމެހެއްޓެނެވި މިންގަނޑުތަކެއްގައި ހިފަހެއްޓުން
30 އޮކްޓޯބަރު 2025
|
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފަރުމާކޮށްފައިވަނީ ދައުލަތުގެ މާލީ ކަންކަން ދެމެހެއްޓެނެވި މިންގަނޑުތަކެއްގައި ހިފަހެއްޓުމަށް ކަމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިއަދު މަޖިލީހުގައި އިއްވެވި ބަޖެޓު ބަޔާނުގައި ޒަމީރު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވާނެކަމުގެ ރަނގަބީލު އަޅަމުން އައިކަމަށާއި، ރޭވުންތެރިކަމެއް ނެތި ހިންގަމުން އައި މާލީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއަށް ނުކަތާ މިންވަރަށް ބޮޑެތި ޑެފިސިޓު ބަޖެޓުތައް ފުލުފުލުގައި ހުށަހަޅަމުންދިޔަ ކަމަަށެވެ.
ނަމަވެސް ރައީސް ޑރ.މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވިދިވިދިގެން މި އަހަރު 40 ހަފުތާގަައި ދައުލަތުގެ ބަޖެޓު ތަންފީޒުކޮށްފަައިވަނީ އަރަނީގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ބޭރު ފައިސާގެ ރިޒަވްގައި 860 މިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ރިޒާވްގައި 200 މިލިއަން ޑޮލަރު އެބަހުރިކަން ޒަމީރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން ބޭނުންވާ މުހިއްމު މާލީ އަމާޒުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެންމެ މުހިއްމު އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުން ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅުތަކާ އެއްގޮތަށް ހާސިލުކުރަންޖެހޭ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ މާލީ ޖާގަ ބަޖެޓުން ތަނަވަސްކުރުން ކަމަށެވެ.
އެގޮތުން ބަޖެޓުގެ މާލީ އަމާޒުތަކުގެ ތެރޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ޑެފިސިޓު ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތަ ދަށްކުރުމާއި، ދައުލަތުގެ ސީދާ ދަރަނި 117 އިންސައްތައަށް ދަށްކުރުން ހިމެނެއެވެ. އަދި ބަޖެޓުގެ ޕީއެސްއައިޕީ ހަރަދު ޖީޑީޕީގެ ހަތް އިންސައްތައަށްވުރެ މަތިނުވާނެހެން ހިފަހެއްޓުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ޒަމީރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ހިލޭއެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓަރެސްޓުގެ ހަރަދު 12 އިންސައްތައަށްވުރެ މަތިނުވާނެހެން ހިފަހެއްޓުމާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި 10 އިންސައްތައަށް ކުޑަކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ބަޖެޓުގެ އޮޕަރޭޝަނަލް އަމާޒުތަކުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 އިންސައްތަށްވުރެ ދަށްނުވާ މިންވަރެއްގައި ހިފަހައްޓައި، ދައުލަތުގެ ރިކަރެންޓު ހަރަދުތައް އާމްދަނީގެ ތެރެއިން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށްވާނެ މިސްރާބަށް ގެނައުމެވެ.
އަދި ޕީއެސްއައިޕީއަށް ކުރާ ހަރަދުތަކަށް ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދު 70 އިންސައްތައަށްވުރެ ބޮޑުނުވާނެހެން ހިފަހެއްޓުމާއެކު ބޭރުގެ ފަރާތްތަކުން ނަގާ އިންޓަރެސްޓުގެ ހަރަދު އާމްދަނީގެ ނިސްބަތުން 5 އިންސައްތައިގައި ހިފަހެއްޓުމަކީވެސް ބަޖެޓުގެ އަމާޒެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވިއެވެ.
"މި ދަންނަވާލެވުނު އަމާޒުތައް ހާސިލުވާނެ ގޮތެއްގެ މަތިން ފިސްކަލް ޕޮލިސީ އަތުރާލައި ތަންފީޒުކުރުން ބިނާވެގެން އަންނަނީ މެދުރާސްތާގައި ދައުލަތަށް ޔަގީންކަމާއެކީ އާމްދަނީ ލިބޭނެކަން އެކަށައެޅިގެން.،" ޒަމީރު ވިދާޅުވިއެވެ.