ENGLISH
05 ނޮވެމްބަރު 2025
ނަސްރުގެ ދުވަހުގެ ތައްޔާރީތަކަށް، މާލޭ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް!
30 އޮކްޓޯބަރު 2025
|
މަގުމަތީގައި ބެރިކޭޑް ޖެހުމުގެ މަސައްކަތުގައިފުލުހުން ހަރަކާތްތެރިވަނީ--ފޮޓޯ: ޕޮލިސް
ނަސްރުގެ ދުވަހުގައި ބޭއްވުމަށް ހަމަޖެހިިފައިވާ ހަރަކާތްތަކުގެ ރިހާސަލް ކުރިއަށް ގެންދިއުމަށްޓަކައި، ޖުމްހޫރީ މައިދާނު ވަށައިގެންވާ މަގުތައް ވަކި ވަގުތުތަކަށް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން، ކުރިއަށް ގެންދާ ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިންފެށިގެން ރިހާސަލް ނިމެންދެން އެ މަގުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ބަންދުކުރެވޭނެ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި، އޯކިޑް މަގާއި، ޗާންދަނީމަގުގެ އިތުރުން އަމީރު އަހުމަދު މަގު ހިމެނެއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަދު ފަހަރަށް ، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑްއޮފީހާ ހަމައަށް ބަންދުވާނެއެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް ބަންދުވާނެއެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް މަގު ބަންދުވާނެކަމަށް ޗާޓުން ފާހަގަކޮށްފައިވެއެވެ.
މި ވަތުތުތަކުގައި، ޗާންދަނީ މަގުގެ ޖުމްހޫރި މައިދާނު ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް އާންމުންނަށްވެސް ވަނުން މަނާވާނެއެވެ.
މީގެ އިތުރުން ރިހާސަލްތަކާ ގުޅިގެން ފަޅުތެރެއިން ބަންދުކުރެވޭ ސަރަޙައްދުވެސް ފުލުހުންވަނީ ކަނޑައަޅާފައެވެ.
ފުލުހުން ވަނީ މި ދުވަސްތަކުގައި އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކާއި ހިގާ ބިގާވެ އުޅޭ ފަރާތްތަކުން ޓްރެފިކް ފްލޯގެ ބަދަލުތަކަށް ސަމާލުވެ، އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.