ENGLISH
05 ނޮވެމްބަރު 2025
"ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން: އިޤްތިޞާދީ ބުރަ ކުޑަވެގެންދާނެ މުހިއްމު ނިންމުމެއް!
30 އޮކްޓޯބަރު 2025
|
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި ދެވަނަ އިޞްލާހު ތަސްދީޤުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް 2011 ވަނަ އަހަރު ޢަމަލުކުރަން ފެށުމަކީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނީ ގޮތުން އެޅި މުހިއްމު ފިޔަވަޅެކެވެ. އެހެންނަމަވެސް، އެ ޤާނޫނުގައި ދޫވެފައިވާ ބާގަނޑުތަކާއެކު ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުގެ ހަޤީގީ ނަތީޖާ މިހާތަނަށް ނުކުމެފައިނުވާކަމީ ދެބަސްވެވެން ނެތް ޙަޤީގަތެކެވެ. އެހެންވެ، ޤާނޫނަށް އިޞްލާޙުތައް ގެނެސްގެން ވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތު ތަންފީޒުކުރުން ރާއްޖެއަށް އޮތީ މަޖުބޫރުވެފައެވެ.
އެ ޤާނޫނަށް ގެނައި ދެވަނަ އިޞްލާޙަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނީ ގޮތުން ރާއްޖޭން މިހާތަނަށް ނިންމި އެންމެ މުހިއްމު ނިންމުމެވެ. އެގޮތުން، 2025 މެއި 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި އެ އިޞްލާޙުގައިވާ ގޮތުން 2007، ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިޞްތިޢުމާލުކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ބާވަތުގެ އެކި ކަހަލަ ތަކެތި ގަތުމާއި، ވިއްކުން މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތްވަރުގަދަ "ޖެނެރޭޝަނަލް ބޭން" ގެ ނިންމެވުމަކީ ބޮޑު ނުރައްކަލަކުން ޖީލެއް ސަލާމަތް ކުރުމަށް އެޅުއްވޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. އިޞްލާޙާއެކު ޤާނޫނު 2025 ނޮވެމްބަރު މަހު ތަންފީޒުކުރަން ފެށުމާއެކު، އެއީ ފަރުދީ، އިޖުތިމާޢީ، މާލީ އަދި އިޤްތިޞާދީ ގޮތުން ވެސް ފައިދާކުރަނި ކަމެކެވެ.
2025 މެއި 21 ވަނަ ދުވަހު، ޤާނޫނަށް ގެނައި އިޞްލާޙު ތަންފީޒުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ އިސްތިޢުމާލާ ގުޅުންހުރި ނުރައްކާތެރި ބަލިތަކަކީ ދިގު މުއްދަތަކަށް އަދި ބޮޑު ޚަރަދެއް ހިނގާ ފަރުވާތަކެއް ބޭނުންވާ ބަލިތަކެކެވެ. އެފަދަ ފަރުވާތަކަށް ޤައުމީ އިންޝުރެންސް ސްކީމާއި އެހެނިހެން ސްކީމްތަކުން ކޮންމެ އަހަރަކު ވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ. ޢާއްމު ޞިއްޙަތުގެ ވަޞީލަތްތަކަށް ކުރާ ބޮޑެތި ޚަރަދުތަކަކީ އިޤްތިޞާދީ ގޮތުން އުފުލަންޖެހޭ ބުރައެކެވެ. ދުންފަތުން ދުރުވެފައިވާ މުޖުތަމަޢެެއްގައި އެފަދަ ފަރުވާ ބޭނުންވާ ފަރުދުން މަދުވުމަކީ ޔަގީނުންވެސް ލިބޭނެ ބޮޑު ލުޔެކެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅުންހުރި ނުރައްކާތެރި ބަލިތަކުގެ ސަބަބުން ދިގު މުއްދަތުގެ ބޭސް ބޭނުންކުރުން އިތުރުވެ، ފަރުވާއަށް އަމިއްލަ ޖީބުން ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އެއީ ގޭބިސީތަކުގެ މާލީ ބުރަކަން ބޮޑުވެ އިޤްތިޞާދީ ނާޒުކުކަން އިތުރުވެގެންދާ ސަބަބެކެވެ.
"އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންނަށް ވަރަށް ގެއްލުން ހުރި ކަމެއް. ވަރަށް ގެއްލުން ހުރި ކަމެއް. އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި، ހަމަ ނެޗުރަލް ޑެތުގެ އިތުރަށް، މީހުން މަރުވާ އެކި ކަހަލަ އެކުއަރޑް ބަލިތަކާއި ކަންކަމުން މަރުވާ މީހުންގެ ތެރެއިން، ހަމަ އެންމެ ބޮޑު އިންސައްތައެއް މި ދުނިޔެ ދޫކުރަންޖެހެނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން. އެންމެ ބޮޑު އިންސައްތައެއް. މިއީ، ދެބަސްނުވެވޭ ޙަޤީޤަތެއް." - ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި ދެވަނަ އިޞްލާހު ތަސްދީޤުކުރެއްވުން.
ދުންފަތުގެ ނުރައްކަލާއެކު މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ދަށްވެއެވެ. ދުޅަހެޔޮކަން ބަލިކަށިވެ، މަސައްކަތަށް ފަރުވާކުޑަވެއެވެ. ބަލީގެ ސަބަބުން، ވަޒީފާ ދޫކޮށްލަން ޖެހުމާއި، އަވަހަށް ރިޓަޔަރ ކުރުންފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ، ޢާއިލާގެ މާލީ ޤާބިލްކަމަށް އަސަރުކޮށް ދިރިއުޅުމުގައި ބޭނުންވާ ނަތީޖާ ޙާޞިލްކުރަން ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ގޮތުގައި، ދުންފަތާ ގުޅުންހުރި ބަލިތަކާއި އުފެއްދުންތެރިކަން ގެއްލުމުގެ ސަބަބުން ޤައުމުތަކުގެ ޖީޑީޕީގެ 1.8 އިންސައްތައަށްވުރެ ބޮޑު އަދަދެއް އަހަރަކު ޚަރަދުވެއެވެ.
ޑަބްލިއުއެޗްއޯގެ އަންދާޒާ އަދަދުތައް އަދި ފެންނަން އޮތް ޙަޤީގަތާއެކު، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތަކީ ކޮންމެ ޤައުމަކުން ވެސް މިއަދު އެންމެ ކުރިއަށް ނެރެންޖެހިފައިވާ އެއް ސިޔާސަތެވެ. އިޤްތިޞާދީ ބޮޑު ގެއްލުމުގެ އިތުރުން، ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމާއި، ޒުވާނުން ދުންފަތާ ދުރުނުކުރެވުމަކީ، ދުންފަތާ ދުރު ޖީލެއް އުފެއްދުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ވުމާއެކު، ގާތްގަނޑަކަށް ފަސްލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަކީ ދުރު ރާސްތާއަށް ލިބިގެންދާނެ ވަށައިޖެހޭ ޙައްލެއްކަން ޔަގީނެވެ.