ENGLISH

30 އޮކްޓޯބަރު 2025

Advertisement

ގެއްލުންވި މީހުންނަށް ބަދަލުދިނުމުން ކިންގްސްގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންގޮސްފި

30 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ޕޮންޒީ ސްކީމް ހިންގުމުގައި އިސްކޮށް އުޅުނު އަލްހާން. ބަދަލު ދިނުމުން ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފަ

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމާ ގުޅިގެން ކުރި ދަޢުވާތަކުގައި ބަދަލު ލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ، އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. 

އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުޞޫލުތަކާއި ޚިލާފަށް، މަކަރާއި ހީލަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާކުރީ، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޞަޙުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށެވެ. 

ޕީޖީ އޮފީހުން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. 

"...އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ" ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. 

ބަދަލު ލިބުނު މީހުން މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް ބުނުމުން، މައްސަލައިގައި މިހާތަނަށް ކޯޓަށް ހުށަހެޅި ޓެކުމުގެ 13 ދަޢުވާ، އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އެ ދަޢުވާތައް އަނބުރާ ގެންދިޔަ ނަމަވެސް، ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީގުކުރަމުން ދާކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި، އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. 

ޕީޖީ އޮފީހުން ބުނީ މައްސަލައިގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު