ENGLISH
30 އޮކްޓޯބަރު 2025
އުރަމަތީ ކެންސަރާމެދު ހޭލުންތެރިކުރުމުގެ މަގުސަދަކީ ބަލި ތަހައްމަލުކުރާ އެކަކުވެސް އެކަނިވެރިވިޔަ ނުދިނުން: ފަސްޓް ލޭޑީ
30 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ޕީއެސްއެމް
އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ބަލި ތަހައްމަލުކުރާ އެއްވެސް އަންހެނަކު އަކަނިވެރިވިޔަ ނުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ "ބްރެސްޓް ކެންސަރ އެވެއާނެސް"ގެ ހަވަނަ ސިމްޕޯޒިއަމް ފައްޓަވައިދެއްވަމުން، ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ބައިވެރިވުމާއެކު ރާއްޖޭގެ ސިއްހީ ދާއިރާއިން ކެންސަރު ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދިހަ ވަރަަކަށް އަހަރު ތެރޭގައި އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ސިއްހީ ދާއިރާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވި ކުރިއާލައި ބަލި ދެނެގަނެވި، ބަލިން އަރައިގަތުމުގެ ފުރުސަތު ލިބި، ބަލި ތަހައްމަލުކުރާ މީހުން ބަރުދާސްކުރާ ވޭނަށް ކުޑަނަމަވެސް ތަސައްލީއެއް ހޯދައިދެވުނެވެ.
އަދި ސިއްހީ ދާއިރާއިން އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސްގެ އަނބިކަނބަލުންވަނީ ދެއްވާފައެވެ.
ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ މިބަލި ތަހައްމަލުކުރާ އެއްވެސް އަންހެނަކީ އެކަނި އުޅެންޖެހޭ އެކަނިވެރިކަމުގައި އެބަލީގެ ވޭން ބަރުދާސްތުކުރަންޖެހޭނެ މީހެއް ނޫންކަން އަންގައިދިނުން ކަމަަށެވެ.
އަދި ދުރާލައި ބަލި ދެނެގަނެވިއްޖެނަމަ ބަލިން އަރައިގަތުމުގެ ފުރުސަތު އޮންނަކަން އާއްމުންނަށް އަންގައިދީ ބަލި ހުރިތޯ ބަލައި ބަލިން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހިތްވަރުދިނުމަކީ މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދަކަށް ހެދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
އެގޮތުން އަންހެނުންގެ ހަށިގަނޑާ ސިއްހަތާ ގުޅޭ މައުލޫމާތުތައް އެނގުމަކީ މިފަދަ ބަލިތަކުން އަރައިގަތުމަށް މުހިއްމުކަމަށްވާތީ އެކަމުގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި އަންހެނުންނަށް ފޯރުކޮށްދިނުމުގެ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އަންހެނުންގެ ދުޅަހެޔޮކަމަކީ ބުރައެއް ކަމުގައި ނުދެކި އެއީ ކޮންމެ އަންހެނަކަށްވެސް ލިބިފައިވާ ހައްގެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.