ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކިތިބި ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ފައިސާ ދައްކައިދެނީ

30 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޒަކާތު ހައުސް އިން ބޭއްވި އިވެންޓެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ސޯޝަލް ހައުސިންގ ގެ ދަށުން ފްލެޓް ލިބި ޑައުން ޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދޭން ނިންމައިފި އެވެ.

އެ އިދާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ޒަކާތު ހައުސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން މިކަން ޒަކާތުކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޒަކާތު ހައުސްއިން ބުނީ 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށެވެ.

މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށެވެ.

އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ. މި މަސްއޫލިއްޔަތާއެކު، ފަޤީރުކަމުގައި ތިބި ފަރާތްތައްތަނަވަސް ޙާލަތަކަށް ގެނައުމަކީވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަޤުޞަދެކެވެ. އެގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ބުނެފައިވެ އެވެ.

މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު