ENGLISH
30 އޮކްޓޯބަރު 2025
ކޮއްތު ފައިސާއަށް ޚިޔާނާތްތެރިވުން: ހަތަރު ފުލުހަކު ވަކިކުރަނީ
30 އޮކްޓޯބަރު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
ފުލުހުންގެ ކޮއްތު ފައިސާތަކަކަށް ޚިޔާނާތްތެރިވުމުގެ ތުހުމަތާއި ގުޅިގެން ހިންގި ތަޙުޤީޤަށް ފަހު ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނިންމައިފި އެވެ.
މިއީ ށ. މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ކޮއްތު ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. އެކަން ފުލުހުންގެ ސަމާލު ކަމަށް އައީ އެ މީހުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިކަން ހާމަވުމުންނެވެ.
ދިވެހި ފުލުހުން ޚިދުމަތުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ބޯޑުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. ބޯޑުން ނިންމީ މައްސަލައިގެ ތުހުމަތު އޮތް ހަތަރު މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދިނުމަށެވެ.
އަދި އިސްތިއުނާފް މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އެކި އިދާރާތަކުގައި ވަކި ހިއްޕާލާފައި އޮތް ޚިޔާނާތާއި ފަސާދައިގެ އަމަލުތަކާއި ދެކޮޅަށް މިހާރު ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މުއައްސަސާތަކަަށް ހަޤީޤީ މިނިވަންކަމާއި ބާރުވެރިކަން ދިނުމުގެ ނަތީޖާއެއްގެ ގޮތުން ވައްކަމާއި ޚިޔާނާތަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގާ މީހުންނަށް ދަނީ ފިޔަވަޅު އެޅުމުންނެވެ.
މިއީ މިއިން ޒަމާނަކު ފެނިފައިވާ ކަންކަމެއް ނޫނެވެ.