ENGLISH

30 އޮކްޓޯބަރު 2025

Advertisement

ބީއެމްއެލްއަށް އަމާޒުވާ ފާޑުކިޔުންތަކަށް ސީއީއޯގެ ރައްދު؛ "ބޭންކުން އަދާކުރަނީ ބޭންކުގެ ޒިންމާ"

29 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ކަންކަން ކުރަނީ ސަރުކާރުން ބޭނުންވާ ގޮތްތަކަށް ކަމުގައި ބުނެ އެކި ފަރާތްތަކުން ބޭންކަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ރައްދުދެއްވައިފިއެވެ. 

ބީއެމްއެލްއިން ފެށި ހުރިހާ ރަށެއްގައި އެ ބޭންކުގެ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމައިލުން ފާހަގަކުރުމާއެކު، ހުރިހާ ރައްޔިތުންނަށް ބޭންކުގެ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ މަޝްރޫއެއް ފެށުމަށް މިއަދު ބޭއްވި "ގައުމީ ބޭންކު- މުޅި ރާއްޖެއަށް" ކެމްޕެއިން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޝަރީފުވަނީ ބޭންކަށް އަމާޒުވާ ހުރިހާ ފާޑުކިޔުންތަކަށް ވަރަށް ތަފުސީލު ގޮތެއްގަައި ރައްދު ދެއްވާފައެވެ. 

ބީއެމްއެލް އުފެއްދި މަގުސަދު ހަނދާން ނައްތައިނުލަން

ބީއެމްއެލްއިން ސަރުކާރު ބޭނުންވާ ހުރިހާ ކަމެއް ކުރަމުންދާކަމަށް މީހުން ދައްކާ ވާހަކަައަށް ރައްދުދެއްވައި ޝަރީފު ވިދާޅުވީ ބީއެމްއެލްއިން އަދާކުރަނީ ޑިޕޮސިޓަރުންނާއި ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކުރާ ބޭންކެއްގެ ޒިންމާ ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާއަކީ އިގުތިސާދު ނެގެހެއްޓުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބީއެމްލްގެ ކުރިއެރުން ގުޅިފައި އޮތީ ދިވެހި އިގުތިސާދުގެ ކުރިއެރުމާ ކަމަަށެވެ. 

"2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ޖީޑީޕީގެ ގްރޯތާއި ބީއެމްއެލްގެ ފައިދާގެ ގްރޯތު އަޅައިކިޔައިލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވޭ. ބީއެމްއެލްއާއި ދިވެހިރާއްޖޭގެ އިގުތިސާދާ ގުޅޭ މިންވަރު ހުރީ ވަރަށް ވަރުގަދަަ އަދި ރަނގަޅު ޕޮޒިޓިވް ކޯރިލޭޝަނެއްގަަ.،" ޝަރީފު ވިދާޅުވިއެވެ. 

ރާއްޖޭގެ އިގުތިސާދީ ހަރަކާތްތަކުގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހިނގަނީ ސަރުކާރުގެ އިސްނެގުންތަކުގެ ތެރެއިން އެއަށް ބިނާވެގެންކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ އިސްތިރާޖީ ގޮތުން ކޮންމެހެން ބޭނުންކަމެއް ކަމަށެވެ. 

މަސްވެރިންނަށް ފައިސާދެނީ ބީއެމްއެލްގެ ފައިސާއިންނެއް ނޫން

ބީއެމްއެލްއަށް މިފަހުން ފާޑުކިޔުން އަމާޒުވި އެއްކަމަކީ މަސްވެރިންނަށް 24 ގަޑިއިރު ތެރޭ ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގައި ބީއެމްއެލް ބައިވެރިވުމެވެ. އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ޝަރީފު ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާ ނިޒާމު ގާއިމުކުރި ނަމަަވެސް އެ ފައިސާ ދޫކުރަނީ ބޭންކުގެ ފައިސާއިން ނޫންކަމަށާއި، އަދި މިފްކޯއަށް ލޯނެއް ދީގެންވެސް ނޫން ކަމަށެވެ. 

"މިފްކޯގެ އެކައުންޓަށް ޖަމާވާ އާމްދަނީ ފައިސާއިން އެންމެ ފުރަތަމަ މަސްވެރިންނަށް ފައިސާ ދޫކުރަން އިސްކަންދޭ ނިޒާމެއް ގާއިމުކޮށްގެން،" 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގައި ބީއެމްއެލްއިން އަދާކުރާ ދައުރަކީ ކޮބައިކަން ސާފުކޮށްދެއްވަމުން ޝަރީފު ވިދާޅުވިއެވެ. 

މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 721 މިލިއަން ރުފިޔާ މަސްވެރިންނަށް ބީއެމްއެލް މެދުވެރިކޮށް ޖަމާކޮށްދީފައިވާކަން މިއަދުގެ ހަފުލާގައި އެ ބޭންކުން ހާމަކޮށްފައިވެއެވެ. 

ޝަރީފު ފާހަގަކުރެއްވި ގޮތުގައި މިކަމުގެ ތެރެއިން ހޯދުނު އެންމެ ބޮޑު ކުރިއެރުމަކީ މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ކްރެޑިޓް ކާޑާއި، ޕާސަނަލް ލޯނާއި ގެދޮރު ގަތުމާއި މަރާމާތުކުރުން ފަދަ ކަންކަމަށް ބޭނުންވާ ލޯނާއި ފައިނޭންސިން ބޭންކުން ލިބޭނެ އިންތިޒާމު ހަމަޖެހުމެވެ. 

"މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުން މުޅި މަސްވެރިކަމުގެ ސިނާއަތަށް އޭގެ ހެޔޮ އަސަރުކުރި. މަސްވެރިންގެ އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު. ހަމައެހެންމެ އެ ނިޒާމާއެކު ދިވެހި އިގުތިސާދަށް އަދި ބޭންކަށްދަނީ ފައިދާވަމުން،" ޝަރީފު ވިދާޅުވިއެވެ. 

ބޭރު ފައިސާގެ އެހީ އިތުރުކުރުމުގެ ގާބިލުކަން މިހާރު އެބަހުރި

ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޭރު ފައިސާގެ ތާށިކަން ކަމުގައި ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ރާއްޖޭގައި ކްރޮސްބޯޑާ ޓްރާންސެކްޝަން ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން އެކަމުގެ އުދަގޫ ބޭންކަށްވެސް ކުރިމަތިވި ކަމަަށެވެ.

2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެއިރުގެ ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ބޭންކަށް ގަންނަން ލިބުނު ޑޮލަރަށްވުރެ އިތުރަށް 2019 އާއި 2023 އާ ދެެމެދުގައި ބޭންކުން 333 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. ޝަރީފު ވިދާޅުވީ 2020 ވަނަ އަހަރު ބޭންކުގެ ޑޮލަރ އެކްސްޗޭންޖު ޕޮޒިޝަން ވަރަށް ބޮޑަށް ދަށްވިކަމަށާއި ޖެހިގެން އައި 4 އަހަރުވެސް އެ ޕޮޒިޝަން ރަނގަޅުކުރެވިފައިނުވާ ކަމަށެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ ޕޮޒިޝަން ހުރީ 20- ގައި ކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ މިހާރު އެ ހާލަތު ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި އެ ހާލަތު ބަދަލުވީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ސަރުކާރުން މިނިސްޓްރީ އޮފް ފިނޭންސްއިން އެހީތެރިކަން ދެއްވި. މިހާރު ބޭންކުވަނީ ވޭތުވެދިޔަ ފަސް އަހަރު އޮތް ހާލަތުން އަރައިގަނެ އެމްއޯޕީ މައިނަހުން ޕޮޒިޓިވް ހާލަތަކަށް ގެނެސްފަ.،"

"ބޭންކު މިވަނީ އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތެއްގައި. އެހެންކަމުން އާއްމު ރައްޔިތުންނަށް ރާއްޖެއިން ބޭރުގައި ޑެބިޓު ކާޑު ބޭނުންކުރެވޭ މިންވަރު އިތުރުކޮށްދެއްވަން ނިންމެވީ ބޭންކަށް ކުރިން ދިމާވެފައިވާ ޝޯޓް ފޮރިން އެކްސްޗޭންޖު ޕޮޒިޝަން ރަނގަޅުކުރުމަށް ހަރުދަނާ ސިޔާސަތެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއްވާފައިކަން ފާހަގަކުރަން،" ރައީސަށް ޝުކުރު އަދާކުރައްވަމުން ޑޮލަރުގެ ދަތިކަމުން އަރައިގަތުމުގައި ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ތަފުސީލުކޮށްދެއްވައި ޝަރީފު ވިދާޅުވިއެވެ. 

ސަރުކާރުގެ ޓްރެޝަރީ ބިލުތަކަށް އިންވެސްޓުކުރުން

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ބީއެމްއެލްގެ ހުރިހާ އިންވެސްޓުމެންޓުތަކަކީ ބޭންކުން ކަނޑައަޅާފައިވާ ރިސްކް މެނޭޖުމެންޓު ޕޮލިސީތަކުގެ މިންގަނޑުތަކާ އެއްްގޮތަށް ކުރާ އިންވެސްޓުމެންޓެވެ. އަދި ބޭންކުގެ ގާބިލުކަން އިތުރުވާނަމަ ބޭންކުން ޓީބިލުގައި އިންވެސްޓުކުރާ މިންވަރު އިތުރުވި ނަމަވެސް، ބޭންކުގެ ރައުސުލްމާލުގެ ނިސްބަތުން ޓީބިލަށް އިންވެސްޓުކުރި މިންވަރަކީ 2014-2015 ގައިވެސް އިންވެސްޓުކުރި މިންވަރާ އެއްވަރު މިންވަރެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް ޝަރީފު ވިދާޅުވީ ސަރުކާރުގެ އެކި އިންސްޓްރޫމެންޓުތަކުގައި އިންވެސްޓުކޮށްފައިވާ ނިސްބަތަަކީ 2018 ވަނަ އަހަރާ އެއްވަރުގެ ނިސްބަތަކަށްވުމާއެކު، ބީއެމްއެލްއިން އިންވެސްޓުކުރަމުންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމުގައެވެ. 

މިކަންކަމުގެ އިިތުރަށް ބޭންކުން ރަށްރަށުގައި އޭޓީއެމް ގާއިމުކޮށް ނިންމައިލީ 55 ރަށެއްގައި އޭޓީއެމް ގާއިމުކުރުމަށް ކަނޑައެޅި ބަޖެޓުންކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އެކަން ކުރުމަށް ހަމަޖެއްސި އުސޫލުތަކާއެކު އަގު ވަރަށް ބޮޑަށް ދަށްކުރެވި ހަރަދު ކުޑަކޮށް އެކަން ކުރެވުނު ކަމަށެވެ. 

އިތުރަށް އޭނާ ފާހަގަކުރެއްވީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލީ ހިދުމަތަށް ވާސިލުވެވޭކަން ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު