ENGLISH
29 އޮކްޓޯބަރު 2025
އެޗްއާރްސީއެމް އަށް ކުރީގެ މިނިސްޓަރ ރަމީލާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި
29 އޮކްޓޯބަރު 2025
|
ޑރ. އައިޝަތު ރަމީލާ. --ފޮޓޯ: ރައީސް އޮފީސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ފެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ. މި މަހު 2 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމަށް ފަހު، ޑރ. ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފަ އެވެ. ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައި އޮތީ އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ދެއްވައިފައެއް ނުވެ އެވެ.
އެޗްއާރްސީއެމަށް އާ މެންބަރަކު އައްޔަނު ކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެވެ.
ޞިއްޙީ ޙާލުކޮޅު ހުރިގޮތުން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުން ޑރ. ރަމީލާ އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހު 1 ވަނަ ދުވަހު އެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ، ދިވެހި ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1990 ވަނަ އަހަރު، ނަރުހެއްގެ ވަޒީފާއިންނެވެ. ވޭތުވެ ދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ދާއިރާގައި ވެސް އެކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ ޢައްޔަނު ކުރެއްވީ ނޮވެމްބަރ 17، 2023 ވަނަ ދުވަހު، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ އެމަނިކުފާން ކުރެއްވުމަށްފަހު، އެ ރޭގެ ވަގުތެއްގައެވެ.