ENGLISH

29 އޮކްޓޯބަރު 2025

Advertisement

ބީއެމްއެލްއިން އައު ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފި؛ ބޭރު ފައިސާގެ މުއާމަލާތްކުރަން ފަސޭހަވާނެ

29 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ބީއެމްއެލް ސްވައިޕް ވޮލެޓު ތައާރަފުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބޭރުން ފައިސާ ގެނައުން ފަސޭހަކޮށްދޭ ޑިޖިޓަލް ވޮލެޓެއް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ތައާރަފުކޮށްފިއެވެ. 

މިއަދު ނަސެންދުރާ ބާސެލޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލެޓު ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. "ސްވައިޕް"ގެ ނަމުގައި ތައާރަފުކުރި މި ޑިޖިޓަލް ވޮލެޓު ބޭނުންކޮށްގެން ރާއްޖެއިން ބޭރުން އެއްވެސް ފީއަކާ ނުލައި ބޭރު ފައިސާ ގެނައުމަށް މަގުފަހިވާނެ ކަމުގައި ބީއެމްެއެލްއިން ބުނެފައިވެއެވެ. 

އެ ބޭންކުން ބުނި ގޮތުގައި މި ވޮލެޓަކީ ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ހޯދައިދޭނެ ވަސީލަތެކެވެ. އަދި އެ ވޮލަޓަކީ އެކަކު އަނެކަަކަށް ފައިސާ ފޮނުވަންވެސް ބޭނުންކުރެވޭނެ ވަސީލަތެއް ކަަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ. 

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ  ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.

ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ލޖަމާވާ ގޮތަށް  ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި  ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެއެވެ. ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު