ENGLISH

29 އޮކްޓޯބަރު 2025

Advertisement

ކަސްޓަމްސް އިން ވަކިކުރި ދެ ޑެޕިއުޓީ ކޮމިޝަނަރުންނަކީ އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ކަސްޓަމްސް ސަރވިސްއިން ވަކިކުރި އަބްދުﷲ ވަހީދު (ކ) އާއި މަހްމޫދު ރިޔާޒް.

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުގެ މައްސަލަތަކެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަކިކުރި ދެ ޑެޕިއުޓީ ކޮމިޝަނަރުންނަކީ މ. ރީޒަން، އަބްދުﷲ ވަހީދާއި މއ. ޑެއިންޓީ، މަހްމޫދު ރިޔާޒްކަން އެމްއެމް އަށް މައުލޫމާތު ލިބިއްޖެ އެވެ.

ކަސްޓަމްސްގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެއް ޚިދުމަތް ކުރެއްވި މި ދެ އޮފިސަރުން މަގާމުން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލަ އާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ނެރެފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.

ކަސްޓަމަސްގެ ދެ ޑެޕިއުޓީން މަގާމުން ވަކިކުރެއްވިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށްފައިވާ، "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުގައި ތިއްބެވި ދެބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުން، ސިނގިރޭޓުގެ އެ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްގެ އިތުރުން ތިން މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ވަނީ އަންގަވައިފައެވެ. 

ކަސްޓަމްސް އަށް ކޮމިޝަނާރާއި ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރުމާއި ވަކިކުރުމަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރެކެވެ.

ކިޔުންތެރިންގެ ހިޔާލު