ENGLISH
29 އޮކްޓޯބަރު 2025
ބީއެމްއެލްގެ އޭޓީއެމް ހުރިހާ ރަށެއްގައި ގާއިމުކުރެވިއްޖެ؛ ރައްޔިތުންނަަށް އުފާވެރިކަން
29 އޮކްޓޯބަރު 2025
|
ބީއެމްއެލްގެ އޭޓީއެމްއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ގާއިމުކުރުމަށް ސަރުކާރުގެ އިސްނެގުމަށް ބީއެމްއެލްއިން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމައި ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ދެންނެވި އެއް ޝަކުވާއަކީ ރަށްރަށުގައި އޭޓީއެމް ނެތުމުން ފައިސާ ނެގުމާއި ޖަމާކުރުމާއި އެނޫންވެސް މާލީ މުއާމަަލާތްތައް ހިންގުމުގައި އުފުލަންޖެހުނު ތަކުލީފުތަކާމެދު ކުރި ޝަކުވާއެވެ. އެ ޝަކުވާތައް ހައްލުކުރެއްވުމުގެ ގޮތުން ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ތައާރަފުކުރެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.
އެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރާއި ބީއެމްއެލްއާއެކު ގިނަ މަސައްކަތްތަކެއް ކުރެވި އޭޓީއެމް ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެއްބަސްވެވުމަކަށް އާދެވި ފާއިތުވި އަހަރު ތެރޭގައި ފެށި މަސައްކަތް މިހާރުވަނީ ނިންމައިލާފާއެވެ.
ހުރިހާ ރަށެއްގަައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފެށިއިރު 100 އެއްހައި ރަށުގައި އެއްގޮތަކަށްވެސް އޭޓީއެމް ހިދުމަތް ނެތެވެ. ނަމަަވެސް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ހުރިހާ ރަށަކުންވެސް އޭޓީއެމް ހިދުމަތް ލިބޭނެއެވެ.
މިއަދު ބޭއްވި "ދިވެހިންގެ ބޭންކު- މުޅި ރާއްޖެއަށް" ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ހިންގާފައިވަނީ ބޭންކަށް އުފުލަންޖެހޭ މާލީ ބުރަ އެންމެ ކުޑަވާނެ ގޮތެއް ބަލައިގެން ރަށްރަށުގެ ރައްޔިތުންނަށް އަވަހަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަށެވެ.
ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ސަބަބުން މާލީ ހިދުމަތްތައް ހޯދުމަށް ރައްޔިތުން މީގެ ކުރިން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައިސް، މާލީ ނިޒާމުގައި ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މާލީ ހިދުމަތްތައް ވަޒަންކުރާ އޯގަނައިޒޭޝަނެއް ކަމުގައިވާ ކޯރަސްއިންވެސްވަނީ ރާއްޖޭގެ މުޅި އާބާދީއަށް މާލީ ހިދުމަތްތައް ފޯރުކޮށްދީ، ހުރިހާ ރަށެއްގައި ދިރިއުޅޭ އެންމެނަށް މާލީ ހިދުމަތަަށް ވާސިލުވެވޭކަން ކަށަވަރުކުރުމަށް ބީއެމްއެލްއިން ކުރި މަސައްކަތަކީ ގޮންޖެހުން ބޮޑު މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް އެކަމަށް ހާއްސަ އެވޯޑެއްވެސް އެ ބޭންކަށް ދީފައެވެ.
ސަރުކާރާއި ބީއެމްއެލް ގުޅިގެން މަޝްރޫއު ފަށައި ނުވަ މަސް ދުވަހުން 20 އަތޮޅެއްގެ 105 ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާފައިވެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މި މަސައްކަތުގައި އިސްކޮށް މަސައްކަތްކުރެއްވި ބީއެމްއެލް ޓީމަށް ހާއްސަ ފިލާއެއް ދެއްވާފައެވެ.