ENGLISH
30 އޮކްޓޯބަރު 2025
ކުޅުދުއްފުށީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހުޅުވަނީ
30 އޮކްޓޯބަރު 2025
|
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ހދ. ކުޅުދުއްފުށި ސިޓީގައި ހަދާފައިވާ ހަނދާނީ ބިނާ، މިއަހަރު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރަސްމީކޮށް ހުޅުވާނެކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.
މި ބިނާ ހަދާފައިވަނީ، ޝަހީދު ހުސައިން އާދަމް އެރަށުން އެންމެ ފަހުން ފުރާވަޑައިގެންނެވި، އިހުގެ ބަނދަރު ސަރަޙައްދުގައެވެ.
މި ބިނާ ހަދަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި ބިނާ ފަރުމާކޮށަފައިވަނީ ޝަހީދު ހުސައިން އާދަމް ބޭނުންކުރެއްވި އޭކޭ-47 ބަޑި ރަމްޒުކޮށްދޭ ގޮތަށެވެ. މީގެ އިތުރުން މި ބިނާގައި ޝަހީދު ހުސައިން އާދަމް އެ ދުވަހު ޑިއުޓީގައި ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތުގެ ނަކަލެއްވެސް ހިމެނޭނެ ކަމަށް ކައުންސިލުން ބުންޏެވެ. މި ބިނާއިން ދައްކުވައިދެނީ ދިވެހި ގައުމުގެ ދިފާއުފައި ޝަހީދު ހުސައިން އާދަމް ޖިހާދުކުރެއްވުމަށް ގެންގުޅުއްވި ބަޑިއާއި، ދުޝްމަނުންގެ ހަމަލާތަކުން ޝަހީދުވެ ވަޑައިގެން ވެއްޓި ވަޑައިގެންނެވި ތަނެވެ.
މި ބިނާ ފަރުމާކޮށް ހެދުމަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ބިނާ ހުޅުވުމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު ، މިހާރު ކުރިއަށްދަނީ ބިނާގެ ވަށައިގެން އޮންނަ މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ.
މި ބިނާއިން ރަމްޒުކޮށްދެނީ، ޝަހީދު ހުސައިން އާދަމް ދީނާއި ގައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއެވެ. އެ ޤުރުބާނީގެ ހަނދާން އާކޮށް، އެކަމުން އިބްރަތް ލިބިގަތުމަކީ ދިވެހި ކޮންމެ ރައްޔިތަކު ކުރަން ޖެހޭ ކަމެކެވެ.
މި ބިނާ ރަސްމީކޮށް އިފުތިތާހު ކޮށްދެއްވާނީ ޝަހީދު ހުސައިން އާދަމްގެ އާއިލާއިން ކަމަށް ކައުންސިލުން ބުންޏެވެ.
ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ނޮވެމްބަރ 3، 1988 ވަނަ އަހަރު ދުޝްމަނުންގެ އަތުން ދިވެހި ސިފައިންނަށް ލިބުނު ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.