ENGLISH

29 އޮކްޓޯބަރު 2025

Advertisement

"ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން: އުފެދޭނީ ދުންފަތާ ދުރުވެފައިވާ ޖީލެއް!

29 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު އުފަންވެފައިވާ 6 ދަރިވަރުން ރައީސްގެ އަރިހުގައި. ޖެނެރޭޝަނަލް ބޭންއަކީ ތާރީޚީ ނިންމުމެއް. ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ޤައުމެއް ސަލާމަތްކުރުމަކީ، އެކަމަށް މަސައްކަތް ފަށާ ދައުލަތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. ދުންފަތުގެ ބޭނުންކުރާ ނިސްބަތް ދުނިޔޭގެ ނިސްބަތުން ބޮޑުވުމަކީ އޭގެ އެއް ހެއްކެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން 2019 ވަނަ އަހަރު އާއްމުކުރި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ (ޖީވައިޓީއެސް) އިން ދައްކާ ގޮތުގައި، އުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ 45.7 އިންސައްތަ ދަރިވަރުންނަކީ ދުންފަތުގެ އިސްތިޢުމާލުގެ ކޮންމެވެސް ބާވަތެއް ބޭނުންކޮށްފައިވާ ދަރިވަރުންނެވެ. އޭގެތެރެއިން 17.1 އިންސައްތަ ދަރިވަރުން އިލެކްޓްރޯނިކް ސިނގިރެޓް ބޭނުންކުރެއެވެ. މާނައަކީ ޒުވާން ޖީލުގެ ބޮޑު ނިސްބަތް ވަނީ ދުންފަތުގެ ކޮންމެވެސް ބާވަތަކަށް ހޭނިފައި ކަމެވެ. 

ދުންފަތް ބޭނުންކުރާ މުޅި ދުނިޔޭގެ ނިސްބަތް މަތިވުމާއެކު، އެއީ ކުޑަ ޤައުމެއް އިސްތިސްނާ ނުވާނޭހެން ފެތުރިފައި އޮތް ނުރަނގަޅު އާދައެއްކަން ޔަގީނެވެ. އާބާދީގެ ގޮތުން ކުޑަކުޑަ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް އެ ނިސްބަތް މަތިކަން ތަފާސްހިސާބުތައް ހެކިދެއެވެ. އެގޮތުން ރާއްޖޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އުމުރުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ 21.8 އިންސައްތަ ދިވެހިން ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި ދެވަނަ އިޞްލާހު ތަސްދީޤުކުރެއްވުން. ދުންފަތުން ރާއްޖެ ދުރުކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް ވަނީ އަޅާފަ. ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. އެގޮތުން ދުންފަތުން ޤައުމު ދުރުކުރުމަށް މިހާތަނަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވެއެވެ. ވޭޕް ބޭންކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ އޭގެތެރޭގައި ހިމެނޭ މުހިއްމު ދެ ނިންމުމެވެ. 

މުހިއްމު ދެ ނިންމުމުގެ އިތުރުން، ދުންފަތް ކޮންޓްރޯލްކޮށް، އެފަދަ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިޞްލާހު ގެނެސް، 1 ޖަނަވަރީ 2007 ވަނަ ދުވަހުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިޞްތިޢުމާލުކުރުން މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ބާވަތުގެ އެކި ކަހަލަ ތަކެތި ގަތުމާއި، ވިއްކުން މަނާކުރެވިގެން ދިއުމެވެ. އަދި، 21 އަހަރުނުވާ އެއްވެސް މީހަކަ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ ވެސް އެ ބޮޑު ނިންމުން މުހިއްމުވާ ސަބަބެކެވެ.  

"އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންނަށް ވަރަށް ގެއްލުން ހުރި ކަމެއް. ވަރަށް ގެއްލުން ހުރި ކަމެއް. އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި، ހަމަ ނެޗުރަލް ޑެތްގެ އިތުރަށް، މީހުން މަރުވާ އެކި ކަހަލަ އެކުއަރޑް ބަލިތަކާއި ކަންކަމުން މަރުވާ މީހުންގެ ތެރެއިން، ހަމަ އެންމެ ބޮޑު އިންސައްތައެއް މި ދުނިޔެ ދޫކުރަންޖެހެނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން. އެންމެ ބޮޑު އިންސައްތައެއް. މިއީ، ދެބަސްނުވެވޭ ޙަޤީޤަތެއް." - ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި ދެވަނަ އިޞްލާހު ތަޞްދީޤުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ދުންފަތުގެ އިޞްތިޢުމާލު ނުކުރާ ޖީލެއް އުފެދުމަށް ލިބިގެންދާ ދުރުރާސްތާ ކުރިއެރުމެކެވެ. މިހާރުވެސް ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ މީހުންނަށް ޖެނެރޭޝަނަލް ބޭން ތަންފީޒުވާއިރު، ޤާނޫނު ތަންފީޒުކުރަން ފެށުމަކީ ރާއްޖެއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. 

ޖެނެރޭޝަނަލް ބޭންގެ ސަބަބުން އުފެދޭނީ ދުންފަތާ ދުރު ދުޅަހެޔޮ ޖީލެކެވެ. އެއީ ހަމައެކަނި އެ އާދައިން ދުރުކޮށްދޭ ބަދަލަކަށްވުރެ، ވަށައިޖެހޭ އެތައް ގޮތަކުން ފައިދާކުރާނެ ކަމެކެވެ. އެގޮތުން ދުންފަތުގެ އިޞްތިޢުމާލުކޮށްގެން ހުށަހެޅޭ ބަލިތަކާ ދުރުވެ، އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ. އެއީ ފަރުދީގޮތުން ލިބިގެންދާ ފަސޭހައެއްގެ އިތުރުން ދަޢުލަތުގެ ޚަރަދަށް ވެސް ލިބިގެންދާނެ ލުޔެކެވެ. 

ދުންފަތާ ދުރު ޖީލެއް ބިނާކުރުމަކީ ޞިއްޙީ ދުޅަހެޔޮަކަމަށް ވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ. ޤައުމެއްގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ދުޅަހެޔޮ ޖީލެއް ދެމިއޮތުމަކީ މުހިއްމު ކަމެކެވެ. އެއީ ހަކަތަ ހުރި ޒުވާނުން، ނޭދެވޭ ޢަމަލުތަކާ ދުރުވެ ތިބެގެން ކުރެވޭނެ ކަމެކެވެ.

ޤާނޫނަށް ގެނައި މުހިއްމު އިޞްލާޙާއެކު ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަކީ ޞިއްޙީ ނުރައްކަލަކުން ސަލާމަތްކުރުމުގެ އިތުރުން، ރާއްޖޭގެ ކުރިމަގަށް ދުންފަތާ ދުރު ޖީލެއް ބިނާކުރުމަށް ސަރުކާރުން އެޅި ހިތްވަރުގަދަ، އުއްމީދީ ފިޔަވަޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު