ENGLISH
28 އޮކްޓޯބަރު 2025
ރައްޔިތުންގެ އަޑު ގާތުން އެއްސެވުމުގައި ރައީސް ޑރ.މުޢިއްޒު ދެއްކެވީ ފުރިހަމަ ނަމޫނާއެއް: ސައީދު
28 އޮކްޓޯބަރު 2025
|
މިނިސްޓަރު ސައީދު ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެއް އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލުތަަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވީ، ގާތުން ރައްޔިތުންގެ އަޑު އެއްސެވުމުގައި ފުރިހަމަ ނަމޫނާއެއް ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އޭނާގެ އެކްސް އެކައުންޓުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ އެތައް އަހަރެއްވީ ދޮށީ ތާރީހުގައި އަދި އިސްލާމްވުމަށްފަހު ރާއްޖޭގެ ތާރީހު ލިޔެވެން ފެށި ފަހުން ފާއިތުވި 900 އަހަރުގެ ދިގު ތާރީހުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ގައުމުގެ ވެރިޔަކު ޒިޔާރަތްކުރެއްވި މިއީ ދެވަނަ ފަހަރު ކަމަށެވެ.
އެންމެ ފަހުން ރައީސަކު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވަނީ މީގެ 42 އަހަރު ކުރިންކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ ރައީސްވަނީ ހުރިހާ ސިޓީތަކާއެކު 187 ރަށަށް ޒިޔާރަތްކުރައްވާފައި ކަމަށެވެ. އެއީ ރަށްތަކަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރުގެ އިތުރަށް ރައީސްގެ މުރާލިކަން ފެނިގެންދާ މިސާލެއް ކަމުގައި ފާހަގަކުރައްވައި ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި މުގުރައިލަން ދެން ފަސޭހަނުވާނެ ޝަރަފުވެރި ރެކޯޑެއް ކަމުގައެވެ.
އަދި މި ދަތުރުފުޅުތަކުގައި ރައީސް ހުރިހާ ރަށެއްގެ ރައްޔިތުންނާއި، ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފަައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރައީސްގެ އަރިހުގައި ރަށްރަށުގެ އިސްރަށްވެހިން އެންމެ ކުރީ ސަފުގައި ބައިތިއްބަވާ އެ ބޭފުޅުންނަށް ހައްގު އިއްޒަތް ދެއްވި ކަމަށެވެ. އަދި ކުޑަކުދިންނާއި، މަދުރަސާތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވި ކަމަށެވެ. ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވި ކަމަށެވެ.
އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ 187 ރަށަށް ޒިޔާރަތްކުރެއްވުމުގެ އިތުރަށް އިތުރު 63 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވާފައިވާއިރު، މި ދައުރު މެދަށް ދާއިރަށް ހުރިހާ ރަށަކަށް ދެ ފަހަރު ރައީސަށް ވަޑައިގެންނެވޭނެ ކަމުގައެވެ. އަދި އެއީ މުޅި ގައުމު ބަލައިގަންނާނެ އުފަލެއް އަދި ފަހުރަކަށްވާނެ ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.
"ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުން. ރައްޔިތުންނަށް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ ގާތްކަން. އަދި ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ޙާލުއަމިއްލައަށް ދެކެވަޑައިގަތުމާއި، ރައްޔިތުންނަށް އަޅައިލެއްވުމުގައި ފެނުނު ރީތި ނަމޫނާއެއް.،" ސައީދު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުތަކާއެކު ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތައް އެ ރަށްރަށުގައި ފެށި، އަސާސީ ހިދުމަތްތައް މި ދައުރުގައި ފުރިހަމަވާނެ ކަމުގެ ޔަގީންކަން ރަށްރަށުގެ ރައްޔިތުންނަށް ލިބި ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމު ބާރުވެރިވެ ރަށްތަކަށް ކަށަވަރުވަމުންދާ ކަމަށެވެ.