ENGLISH
28 އޮކްޓޯބަރު 2025
ދިއްފުށީ އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި، ކަރަންޓު ކެޕޭސިޓީ ތިންގުނަ އިތުރުވާނެ
28 އޮކްޓޯބަރު 2025
|
ދިއްފުށީ އިންޖީނުގޭގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ކ. ދިއްފުށީގައި އިމާރާތްކުރި ސްޓެލްކޯގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ.
ދިއްފުށީ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ސަމާހު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އަދި ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ސުނިލްއެވެ.
ދިއްފުށީގައި ސްޓެލްކޯއިން އިންޖީނުގެ އިމާރާތްކުރީ 3000 އަކަފޫޓުގެ ބިމެއްގައެވެ. ސްޓެލްކޯއިން ބުނީ އަލަށް ހުޅުވި އިންޖީނުގެއާއެކު ދިއްފުށީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ތިން ގުނަ އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ދިއްފުށީގައި ސްޓެލްކޯއިން އިންޖީނުގެ އިމާރާތްކުރީ 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.
ސްޓެލްކޯއިން ބުނީ، ދިއްފުށީގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކަރަންޓުގެ ޚިދުމަތް ފުޅާވެ، އެރަށަށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.
ސަރުކާރުން މިއަދު ދިއްފުށީގައި ޢަމަލީ މަސައްކަތް ފެށީ، އެރަށުގެ ބިން ހިއްކުމާއި، ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި، އެރަށުގެ ސްކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތުގެ އިތުރުން އެރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތެވެ.